09 Mar 2014, 09:30
ޓްރިޕޮލީ (މާޗް 9) : ލީބިޔާ ސަރުކާރުގެ ކޮންޓްރޯލުން ބޭރުގައިވާ ހަތިޔާރުއެޅި ޖަމާއަތްތަކުން އެގައުމުގެ ތެލުގެ ބައެއް ބަނދަރުތަކަށް އަތްގަދަކޮށްފައިވާ އިރު ހަނގުރާމަވެރިންގެ ބެލުމުގެ ދަށުން ތެޔޮބޭރު ކުރުމަށް އެހީވާ ތެޔޮޓޭންކަރުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އެގައުމުގެ ސަރުކާރުން ދީފި އެވެ.
ލީބިޔާގެ ބޮޑުވަޒީރު އަލީ ޒީދާން ވިދާޅުވީ ސަރުކާރަށް ނުކިޔަމަންތެރި އަދި ސަރުކާރާ ދެކޮޅަށް ބަޣާވާތްކުރަމުންގެންދާ ހަތިޔާރުއެޅި ޖަމާއަތްތަކުގެ އަތްދަށުގައިވާ ތެލުގެ ބަނދަރުތަކުން ތެޔޮބޭރުކުރުމަށް ބޭނުންކުރާ ކަމަށް ޚަބަރުލިބިފައިވާ އުތުރުކޮރެޔާގެ ދިދަ ނަގާފައިވާ ތެޔޮޓޭންކަރަށް ސަރުކާރު ސިފައިން ޙަމަލާދޭނެކަމުގަ އެވެ.
ޓްރިޕޮލީގައި ނޫސްވެރިންނަށް މައްލޫމާތު ދެއްވަމުން ޒީދާން ވިދާޅުވީ ލީބިޔާ ސަރުކާރުގެ ހުއްދަނެތި ލީބިޔާ އިން ތެޔޮބޭރުކުރުމަކީ ގައުމުގެ މިނިވަންކަމާއި އިސްތިގްލާލަށް އަރައިގަތުން ކަމަށާ މިކަން ހުއްޓުވަން ސަރުކާރަށް މަޖްބޫރު ކަމުގަ އެވެ. ރިޕޯޓްތައް ބުނާގޮތުން ލީބިޔާގެ ސަރުކާރުގެ ކޮންޓްރޯލުން ބޭރުގައިވާ ހަތިޔާރުއެޅި ޖަމާއަތަކުން ހިފާފައިވާ ތެލުގެ އެންމެ ބޮޑު ބަނދަރަކީ އައްސިދްރާ ބަނދަރެވެ. އެބަނދަރުން ތެޔޮ ބޭރުކުރުމަށް ހަނގުރާމަވެރިން މިހާރު ބޭނުންކުރަނީ އުތުރުކޮރެޔާގެ ދިދަ ނަގާފައިވާ ޓޭންކަރެއް ކަމަށާ އެތައް ހާސް ތަނެއްގެ ތެލާއެކު އެޓޭންކަރު ވަރަށް އަވަހަށް ސިދްރާ ބަނދަނރުން ފުރާނެކަމަށް ޚަބަރުތައްބުނެ އެވެ.
ލީބިޔާގެ ބޮޑުވަޒީރު ވިދާޅުވީ ސިދްރާ ބަނދަނރުން އެޓޭންކަރު ފުރުމާ އެކު ލީބިޔާ ސިފައިން އެ ޓޭންކަރަށް ޙަމަލާދޭނެކަމުގަ އެވެ. ތެޔޮޓޭންކަރަކަށް ޙަމަލާދީފި ނަމަ އެޓޭންކަރުން ތެޔޮ ލީކުވެ ތިމާވެށީގެ ކާރިސާއެއް ލީބިޔާ އަށް ކުރިމަތިވެދާނެ ކަމުގެ ބިރު ވެސް ވަނީ ހީވެފަ އެވެ. ލީބިޔާގެ ތެލުގެ ބަނދަރުތަކުގެ ތެރެއިން ތިން ބަނދަނރެއް ހަތިޔާރުއެޅި ޖަމާއަތްތަކުގެ ކޮންޓްރޯލްގެ ދަށަށްގޮސްފައި ވާތީ ލީބިޔާ އިން ބޭރުކުރާ ތެލުގެ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށަށްގޮސްފަ އެވެ.
ހަތިޔާރުއެޅި މި ޖަމާއަތްތަކަކީ ލީބިޔާގެ ކުރީގެ ޒަޢީމް ކާނަލް މުޢައްމަރުލްގައްޒާފީގެ ވެރިކަން ވައްޓާލުމަށް 2011 ވަނަ އަހަރު ހަނގުރާމަކުރި ޖަމާއަތްތަކުގެ ތެރޭގައި ހިމެނޭ ޖަމާއަތްތަކެވެ. ގައްޒާފީގެ ވެރިކަން ވެއްޓިގެން ދިޔުމަށް ފަހު އެޖަމާއަތްތަކުން މަސައްކަތްކުރީ ދީނުގެ ނަމުގައާއި ގަބީލާގެ ނަމުގައި އެމީހުން ގެންގުޅޭ ހަރުކަށި ހައްދުފަހަނަޅާފައިވާ ފިކުރުތައް، ހަތިޔާރުގެ ބޭނުންކޮށްގެން ލީބިޔާގެ މުޖްތަމައަށް ގަދަބާރުން ފެއްތުމަށާއި އަމިއްލަ މަސްލަހަތު އިސްކޮށް އެޖަމާއަތްތަކުގެ ބާރާއި ނުފޫޒު ލީބިޔާގެ ރައްޔިތުންގެ މައްޗަށް ހިންގުމަށެވެ.
ނަތީޖާއަކަށްވީ ގައްޒާފީގެ އަނިޔާވެރި ވެރިކަމުގެ ދުވަސްވަރަށްވުރެ ލީބިޔާގެ ހާލަތު އެތައް ގޮތަކުން ދަށަށްގޮސް ގައުމުގައި އަމަންއަމާންކަން ގެއްލި ބިރުވެރިކަމާއި ނާމާންކަމާއި ބޮންގޮއްވުމާއި ހަތިޔާރުން ހަމަލާދިނުމުގެ މައިދާނަކަށް ލީބިޔާގެ ސިޓީތަކާއި އަވަށްތައް ބަދަލުވެގެން ދިޔުމެވެ. (ނޫސްއެޖެންސީތައް)