25 Mar 2010, 15:49
19:00
އޮފީސް އޮފް ޕްރޮގްރާމްސް އެންޑް ޕްރޮޖެކްޓްސްގެ ނަމުގައި މިއަދުން ފެށިގެން އިދާރާއެއް އުފައްދައި، އެތަނަކީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ހަމަޖައްސަވައިފި އެވެ.
އޮފީސް އޮފް ޕްރޮގްރާމްސް އެންޑް ޕްރޮޖެކްޓްސްގެ ނަމުގައި ވަކި އިދާރާއެއް އުފެއްދެވީ، ސަރުކާރުގެ އޮފީސްތަކުން ހިންގާ އެކިއެކި މަޝްރޫޢުތަކާއި ޕްރޮގްރާމުތައް ހިނގާނުހިނގާގޮތް ބަލައި، ތަންފީޒު ކުރެވެމުންދާ މިންވަރު ބެލުމާ ގުޅޭގޮތުން ކުރާ މަސައްކަތްތައް އިތުރަށް ފުޅާކޮށް، ހަރުދަނާ ކުރުމާއި، އަދި މިފަދަ މަޝްރޫޢުތަކާއި ޕްރޮގްރާމުތަކުގެ ކޮންޓްރެކްޓް އެޑްމިނިސްޓްރޭޝަނާ ގުޅޭ އެންމެހާ މަސައްކަތްތައް ހިންގައި ބަލަހައްޓާނެ ސަރުކާރުގެ ވަކި އިދާރާއެއް ހުރުމަކީ މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަށް ފެނިވަޑައިގަންނަވާތީ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
އޮފީސް އޮފް ޕްރޮގްރާމްސް އެންޑް ޕްރޮޖެކްޓްސް އުފެއްދެވުމާ ގުޅިގެން، ސަރުކާރުގެ އޮފީސްތަކުން ހިންގާ އެންމެހާ މަޝްރޫޢުތަކާއި، ޕްރޮގްރާމުތައް ހިނގާނުހިނގާގޮތް ބެލުމާއި، އެ މަޝްރޫޢުތަކާއި، ޕްރޮގްރާމުތަކުގެ ނަތީޖާ ޙާޞިލުވަމުންދާ މިންވަރު ބެލުމާ ގުޅޭގޮތުން ކުރަމުން ގެންދާނީ އެ އޮފީހުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.