09 Mar 2014, 09:23
އދ. މަޖިލިސް (މާޗް 9) : ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ ވެރިރަށް ބާންގީގައި ދިރިއުޅޭ މުސްލިމުންގެ ގިނަ ބަޔަކު ފާއިތުވި ދެމަހެއްހާ ދުވަހުގެ ތެރޭގައި އެރަށް ދޫކޮށް ހިނގައްޖެ ކަމަށް އދ. ން ބުނެފި އެވެ.
އދ. ގެ އިންސާނީ އެހީއާބެހޭ ވިލަރެސްވެރިޔާ ވެލަރީ އަމޯސް ވިދާޅުވީ ބާންގީގެ އާބާދީގައި އެއްލައްކަ ސާޅީސް ފަސްހާހަށް ވުރެ ގިނަ މުސްލިމުން ހިމެނޭ އިރު މިހާރު އެ ރަށުގައި 9000 މުސްލިމުން ވެސް ނެތްކަމަށާއި އެރަށުގެ 95 އިންސައްތައަށް ވުރެ ގިނަ މުސްލިމުން އަވަށްޓެރި ޗާޑް އަށާއި ކެމެރޮން އަށް ރެފިއުޖީންގެ ގޮތުގައި ހިޖްރަކޮށްފައިވާ ކަމުގަ އެވެ. ވެރިރަށް ބާންގީގެ އިތުރުން އެގައުމުގެ އެހެން ސަރަހައްދުތަކުގައި އުޅޭ މުސްލިމުންގެ ގިނަ ބަޔަކު ވެސް ގައުމު ދޫކޮށްގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ މުސްލިމުން ގައުމު ދޫކޮށް އަވަށްޓެރި ގައުމުތަކަށް ހިޖްރަކުރަނީ އެގައުމުގެ ހައްދުފަހަނަޅާފައިވާ ނަސާރާ ޓެރަރިސްޓް ޖަމާއަތްތަކުގެ އަނިޔާވެރިކަމާއި މުސްލިމުންގެ ނަސްލު ނައްތާލުމަށް ޓަކައި މުސްލިމުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި ޖަރީމާތަކުގެ ސަބަބުން ކަމަށް އދ. ންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނެ އެވެ.
ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ ބައިމަދުމުސްލިމުންގެ ނަސްލު ނައްތާލުމަށް ހިންގަމުން ގެންދާ އަނިޔާވެރި ޖަރީމާތަކުގެ ތެރޭގައި މުސްލިމުންގެ ގެދޮރުގައި ހުޅުޖެހުމާއި ދިރިތިއްބައި އަންދާލުމާއި ބަޑިޖަހައިގެން މެރުމާއި މުދަލާއި ކާބޯތަކެތި ފޭރުމާއި އަންހެނުންނާއި ކުޑަކުދިން ރޭޕްކުރުން ފަދަ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިމެނެ އެވެ. މިޖަރީމާތައް އެންމެ ފުޅާދާއިރާއެއްގައި ހިންގަމުން ގެންދަނީ "އެންޓި ބަލަކާ" ނަމަކަށްކިޔާ ހައްދުފަހަނަޅާފައިވާ ނަސާރާ ޓެރަރިސްޓް ޖަމާއަތް (މިލީޝިޔާ) އަކުންނެވެ.
ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ ބައި މަދުމުސްލިމުންނާ ދެކޮޅަށް މިއަމަލުތައް ހިންގަންފެށީ އެގައުމުގެ ރައީސްކަމުގައި ހުންނެވި މުސްލިމް ލީޑަރެއް ކަމަށްވާ މިޝެއިލް ޖުޓޯޑިޔާގެ ވެރިކަން މިދިޔަ ޖަނަވަރީ މަހު ވައްޓާލުމާ ގުޅިގެންނެވެ.
ޖުޓޯޑިޔާ ގެ ވެރިކަން ވައްޓާލުމުގައި އިސްކޮށް ޙަރަކާތްތެރިވީވެސް "އެންޓި ބަލަކާ" ނަސާރާ މިލީޝިޔާއިންނެވެ. ޖުޓޯޑިޔާގެ ވެރިކަން ވައްޓާލުމަށް ފަހު އެ ޖަމާއަތުން މުސްލިމުންގެ އިތުރުންއެގައުމުގައި ދިރިއުޅޭ އެހެން ނަސްލުތަކުގެ ބައިމަދު ދަރިކޮޅުތަކުގެ މީހުންނާ ދެކޮޅަށް ވެސް މިބާވަތުގެ ޖަރީމާތައް ހިންގަމުން ގެންދާ ކަމަށްވެ އެވެ.
ނަސާރާ ޓެރަރިސްޓް ޖަމާއަތްތަކުން މުސްލިމުންނާ އަދި ބައިމަދު އެހެން ނަސްލުތަކުގެ މީހުންނާ ދެކޮޅަށް ހިންގަމުން ގެންދާ ނަސްލު ނައްތާލުމުގެ އަމަލުތަކުގައި ފާއިތުވި ދެމަހެއްހާ ދުވަހުގެ ތެރޭގައި ލައްކައެއްހާ މީހުން މަރާލާފައިވާ އިރު މީގެތެރެއިން 80 އިންސައްތައަށް ވުރެ ވެސް ގިނައީ މުސްލިމް ޢާއިލާތައް ކަމަށް ވިޔަސްއދ. އާއި ބައިނަލްއަޤްވާމީ މުޖްތަމައާ އަދި އިސްލާމީ ގައުމުތަކުން ވެސް މިޖަރީމާތައް ހުއްޓުވުމަށް މާބޮޑު މަސައްކަތްތަކެއް ކޮށްފައެއްނުވާ ކަމަށް ރިޕޯޓްތައްބުނެ އެވެ. ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ 4.5 މިލިޔަން މީހުންގެ އާބާދީގައި މުސްލިމުންގެ ނިސްބަތަކީ 15 އިންސައްތައާއި 18 އިންސައްތައާ ދެމެދުގެ މިންވަރެއް ކަމަށް މަޢްލޫމާތު ލިބެ އެވެ. (ނޫސްއެޖެންސީތައް)