08 Mar 2014, 22:20
ގާނޫނާ ހިލާފުވާ އުޅަނދުފަހަރު ހުއްޓުވައި ތަންފީޒީ ފިޔަވަޅު އެޅުމުގެ އިތުރު ތަމްރީނުތައް ބޭއްވުމަށް ރާއްޖެ އާއި އިންޑިއާ އަދި ސްރީ ލަންކާގެ އަސްކަރިއްޔާގެ އިސްވެރިން އެއްބަސްވެއްޖެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު އިންޑިއާގެ ނިއު ދިއްލީގައި ބޭއްވި "ތާޑް ނެޝަނަލް ސެކިއުރިޓީ އެޑްވައިޒާސް ލެވަލް ޓްރައިލެޓަރަލް މީޓިން އޮން މެރިޓައިމް ސެކިއުރިޓީ ކޯޕަރޭޝަން"ގައި ރާއްޖޭގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި އިންޑިޔާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޝިވް ޝަންކާ މެނަން އާއި ޝްރީލަންކާގެ ޑިފެންސް ސެކްރެޓަރީ ގޯތަބަޔާ ރާޖަޕަކްސަ ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.
އެމްއެންޑީއެފުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ތިން ގައުމު ގުޅިގެން ކަނޑުގެ ސަރަޙައްދުތައް ހަރުދަނާ ގޮތެއްގައި ބެލެހެއްޓޭނެ ގޮތްތަކާއި ކަނޑު ފޭރުމުގެ ނުރައްކަލުން މިސަރަޙައްދު ރައްކާތެރިކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާއި ކަނޑުމަތީގައި ދިމާވާ ނުރައްކާތެރި ޙާދިސާތަކާއި ކަނޑުގެ މާޙައުލު ތަޣައްޔަރުވުމުގެ ޙާދިސާތަކުގައި ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމާއި އަދި ކަނޑުގެ ވެށީގައި ހިނގާ ކުށްތައް ހުއްޓުވުމަށް ފިޔަވަޅު އަޅާނެ ގޮތްތަކާ ބެހޭ ގޮތުން ކަމަށެވެ.
ތިން ގައުމު ގުޅިގެން ހައިޑްރޮގްރަފީގެ ދާއިރާ އިން ގާބިލުކަމާއި އެއްބާރުލުން އިތުރުކުރުމާއި އިންޑިއާގައި ކަމާ ގުޅޭ ތައުލީމާއި ތަމްރީނު ފުރިހަމަކުރުމުގެ އިތުރަށް އެ ގައުމުގެ ތިންކް ޓޭންކްތަކުގައި ތިން ގައުމުގެ މާހިރުން ބައިވެރިކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި އެމްއެންޑީއެފުން ބުނީ މިކަންކަން ކުރިއަށް ގެންދާނެ ގޮތަކާ ގުޅޭ ގޮތުން ވޯކިން ގްރޫޕްގެ ފެންވަރުގަ އާއި ޑެޕިއުޓީ ސެކިއުރިޓީ އެޑްވައިޒަރުންގެ ފެންވަރުގައި ބައްދަލުވުންތަކެއް ކުރިއަށް ގެންދިއުމަށް ވެސް ނިންމާފައިވާ ކަމަށެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ރާއްޖޭގެ އަސްކަރީ ދާއިރާ އަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދޭނެ ކަމުގެ ޔަގީންކަން އިންޑިއާގެ ޑިފެންސް މިނިސްޓަރު ވަނީ ދެއްވާފަ އެވެ.