މެލޭޝިޔާ އިން ފުރައިގެން ޗައިނާ އަށް ދިއުމަށް ނައްޓާލި މެލޭޝިޔަން އެއާލައިނުގެ މަތިންދާބޯޓު ހޯދުމުގެ މަސައްކަތް ދެކުނު އޭޝިޔާގެ ގިނަ ގައުމުތަކަކުން ކުރަމުން ދަނިކޮށް ދެކުނު ވިއެޓްނާމް ބޭރުން ކަނޑުން ގިނަ އަދަދެއްގެ ތެޔޮ ފެނިއްޖެ އެވެ.

ވިއެޓްނާމް ސަރުކާރުން ބުނީ 239 މީހުންނާ އެކު ގެއްލުނު މަތިންދާބޯޓު ހޯދުމުގެ މަސައްކަތް ވައިގެ މަގުން ކުރަމުންދަނިކޮށް އެ ގައުމުގެ ބޯޓުތަކަކަށް ގާތްގަނޑަކަށް 15 ވަރަކަށް ކިލޯ މީޓަރަށް ފެތުރިފައިވާ ތެޔޮ ފެނިފައިވާ ކަމަށާއި މި ގޮތަށް ދެ ފަހަރު ތެޔޮ ފެނިފައިވާ ކަމަށެވެ.

ކަނޑުން ފެނުނު ތެލަކީ މަތިންދާބޯޓަކުން ކަނޑަށް އެޅިފައިވާ ތެޔޮ ކަމަށް ބެލެވުނު ނަމަވެސް އެއީ ގެއްލިގެން އުޅޭ މެލޭޝިޔާގެ ބޯޓާ ގުޅުން ހުރި ތެޔޮ ކަމަށް ޔަގީންނުވާ ކަމަށް ވެސް ވިއެޓްނާމް ސަރުކާރުން ބުންޏެވެ.

ކުއާލާލަމްޕޫރުން ފުރައިގެން ބެއިޖިން އަށް ދިޔުމަށް ނައްޓާލި ބޮއިން މަރުކާގެ މަތިންދާބޯޓާ ގުޅުން ކެނޑިފައި ވަނީ މެލޭޝިޔާގެ އަވަށެއް ކަމަށްވާ ކޯޓާ ބާރޫ މަތިންނެވެ.

ތަފާތު 14 ގައުމެއްގެ މީހުން ގެއްލުނު މަތިންދާބޯޓުގައި ތިބި ކަމަށްވާ އިރު ކުރިން ބެލެވިފައި އޮތީ އޮސްޓްރޭލިއާ މީހަކާއި އިޓަލީގެ މީހެއް ވެސް އެ ބޯޓުގައި ކަމަށެވެ.

ފަހުން އެނގިފައި ވަނީ ބޯޓުގައި ހުރި ކަމަށް ބެލެވުނު އޮސްޓްރޭލިއާ އަދި އިޓަލީގެ ދެ މީހުން ބޯޓަށް އަރާފައިނުވާ ކަމަށާއި އެމީހުންގެ ޕާސްޕޯޓު ގެއްލިގެން ކުރިން ރިޕޯޓްކޮށްފައިވާ ކަމަށެވެ.