08 Mar 2014, 21:15
މި މަހުގެ 22 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލާ މީހުންގެ ލިސްޓުތަކުގައި ސޮއިކުރުން އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ހުކުރު ދުވަހު ސޮއިކުރުމުގެ ކަންތައް ކުރިއަށްދާނީ ހެނދުނު 8:30 އިން ފެށިގެން 11:00 އަށާއި އަދި މެންދުރުފަހު 2:00 އިން ފެށިގެން ރޭގަނޑު 10:30 އަށް ކަމަށެވެ.
ހޮނިހިރު ދުވަހު ސޮއިކުރުން އޮންނާނީ ހެނދުނު 8:30 އިން ރޭގަނޑު 10:00 އަށް ކަމަށް ވެސް އެ އިއުލާނުގައި ވަނީ ބުނެފަ އެވެ.
އެ އިއުލާނުގައި ބުނެފައި ވަނީ ކެންޑިޑޭޓުގެ މަންދޫބު ސޮއިކުރަން ވަޑައިގަންނަވާ ނަމަ، އެކަން ބަޔާންކޮށް ކެންޑިޑޭޓު ލިޔެ ސޮއިކޮށް އައިޑީކާޑު ނަންބަރު ޖަހާފައިވާ ސިޓީއެއް ހުށަހަޅަންޖެހޭނެ ކަމަށެވެ. އަދި ސިޔާސީ ޕާޓީއެއް ތަމްސީލުކުރާ ކެންޑިޑޭޓެއް ނަމަ އެ ޕާޓީއަކުން އައްޔަންކޮށްފައިވާ ފަރާތަކުން ސޮއިކުރަން ވަޑައިގަންނަވާ ނަމަ އެކަން ބަޔާންކޮށް އެ ޕާޓީއަކުން ލިޔެފައިވާ ސިޓީއެއް ހުށަހަޅަންޖެހޭނެ ކަމަށް ވެސް އެ އިއުލާނުގައި ވަނީ ބުނެފަ އެވެ.
އެ ކޮމިޝަނަށް ހުށަހަޅާ ސިޓީތަކަކީ ސައްޚައެއްޗެއް ކަމަށް ގާނޫނީ ސަޚުސެއްގެ ތައްގަނޑު ޖަހާފައިވާ އެއްޗަކަށް ވާން ޖެހޭނެ ކަމަށާއި ސިޔާސީ ޕާޓީގެ ސިޓީއެއްނަމަ އެ ޕާޓީއެއްގެ ތައްގަނޑު ޖަހާފައި އޮންނަން ވާނެ ކަމަށް ވެސް އެ އިއުލާންގައި ވަނީ ބުނެފަ އެވެ.