ކުރީގެ އަނބިމީހާ އަށް ޖިސްމާނީ އަދި ޖިންސީ އަނިޔާ ކުރި ކަމުގެ ތުހުމަތުގައި މިއަދު ހައްޔަރު ކުރި މީހަކީ މަސްތުވާތަކެތީގެ ރިކޯޑު އޮންނަ މީހެއް ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ފުލުހުން ބުނީ އޭނާ އަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ކުރިން ހައްޔަރުކޮށްފައިވާ ކަމަށާއި ފުލުހުންގެ އިދާރާގައި އޭނާގެ އިތުރު ރިކޯޑެއް ނެތް ކަމަށެވެ.

"މަސްތުވާތަކެތީގެ މައްސަލައެއްގެ ރިކޯޑު އެބަ އޮތް. އެކަމަކު އެހެން މައްސަލައެއް ނެތް،" ފުލުހުންގެ އޮފިޝަލަކު ވިދާޅުވި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ކ. ގުރައިދޫ، ފީރޯޒުގޭ، ހަސަން އިރުޝާދެވެ.

އިރުޝާދު ހައްޔަރުކޮށް އޭނާ ކޯޓަށް ގެންދިޔުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތަށް 12 ދުވަސް ދީފަ އެވެ.

ސަން އޮންލައިންއާ ގުރައިދޫން ވާހަކަ ދެއްކި މީހަކު މިއަދު ބުނެފައި ވަނީ އިރުޝާދު އޭނާގެ އަންހެނުންނަށް އަނިޔާ ކުރި ކަމަށް ބެލެވެނީ ފަޅު ގެއެއްގެ ތެރޭގައި ރޭގެ ވަގުތެއްގައި ކަމަށެވެ.