އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި އިންޑިއާގެ ޗާޗިލް ބްރަދާސްއާ ދެކޮޅަށް ނުކުތުމަށް ރާއްޖޭގެ ލީގު ޗެމްޕިއަން ނިއު ރޭޑިއަންޓުން މިއަދު ހެނދުނު އިންޑިއާ އަށް ފުރައިފި އެވެ. ނިއު އިން މިމެޗަށް ފުރީ އަނިޔާގައި ހުރި މުހިންމު ދެ ކުޅުންތެރިންނާ އެކު އެވެ.

އަންގާރަ ދުވަހު ކުޅޭ މިމެޗަށް އިންޑިއާ އަށް ފުރި ނިއުއަށް މިއަދުގެ ހަވީރުގެ ވަގުތެއްގައި ބެންގަލޯ އިން ގޯއާ އަށް ދެވޭނެ ކަމަށް ނިއު އިން ބުނެ އެވެ.

ނިއުގެ ހެޑް ކޯޗުގެ މަގާމުގައި ހުރި ސްޕެއިންގެ އެންޖެލް ޕެރޭޒް ގާސިއާގެ ކޮންޓްރެކްޓް އުވާލުމާއި ގުޅިގެން، ޗާޗިލް ބްރަދާސްއާ ދެކޮޅަށް ނުކުންނާނީ އެސިސްޓަންޓް ކޯޗު އިސްމާއިލް އަނިލްގެ އިރުޝާދުގެ ދަށުންނެވެ. މިމެޗަށް ނުކުންނަ އިރު، ކޯޗެއްގެ ގޮތުގައި ބޮޑެތި މެޗުތަކުގެ ތަޖުރިބާ އަނިލް އަށް ކުރެވިފައި ނުވި ނަމަވެސް، އަނިލް އަކީ ކުޅުންތެރިއެއްގެ ގޮތުގައި ބޮޑެތި މެޗުތަކުގެ ތަޖުރިބާ ހުރި މީހެކެވެ.

ނިއުއިން މިމެޗަށް ފުރި އިރު، އެ ޓީމުގެ ޑިފެންޑަރު އަކްރަމް އަބްދުލްޣަނީ އާއި ފޯވަޑް މުހައްމަދު އުމެއިރު ހުރީ އަނިޔާގައި ކަމަށް ނިއުގެ ބޯޑު މެންބަރު އަހުމަދު ޒަރީރު ވިދާޅުވި އެވެ.

"އަކްރަމް އާއި އުމެއިރު ހުރީ އަނިޔާގައި. އެ ދެކުޅުންތެރިންނަށް މެޗުގައި ބައިވެރިވެވިދާނެ ކަމުގެ ޔަގީން ކަމެއް އަދި ނެތް. ހޯމަ ދުވަހުގެ ޕްރެކްޓިހަށް ފަހު ނިއުގެ ފައިނަލް ޓީމު ނަގާނެ. އެ ޕްރެކްޓިހަށް ފަހު، އަކްރަމް އާއި އުމެއިރު އަށް ދިމާވި އަނިޔާ ރަނގަޅު ނަމަ، އެ ދެކުޅުންތެރިން ޓީމަށް ނަގާނެ." ޒަރީރު ވިދާޅުވި އެވެ.

މިމެޗަށް ނުކުންނަ އިރު، ނިއު އޮތީ ފުރަތަމަ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ގްރޫޕް އީގެ އެއްވަނައިގަ އެވެ. ގަލޮޅު ދަނޑުގައި މިދިޔަ މަހު 25 ވަނަ ދުވަހު ހޯމް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗުން ނިއު މޮޅުވީ 1-0 ލަނޑުންނެވެ. ޕާސިޕޫރާ އަތުން 2-0 ލަނޑުން ބަލިވި، ޗާޗިލް ބްރަދާސް އޮތީ އެންމެ ގްރޫޕްގެ އެންމެ ފުލުގަ އެވެ.

ޗާޗިލް ބްރަދާސްއާ ދެކޮޅަށް ނިއު އިން ނުކުންނާނީ އަންނަ އަންގާރަ ދުވަހު، ރާއްޖޭ ގަޑިން ހަވީރު 5:00 ގަ އެވެ. މި މެޗު ކުޅޭނީ ގޯއާގެ ޕަޑިންތް ޖަވާހިރްލާލް ނެހްރޫ ސްޓޭޑިއަމްގަ އެވެ. މި ގްރޫޕްގެ އަނެއް މެޗުގައި ބައްދަލު ކުރާނީ އިންޑޮނޭޝިއާގެ ޕާސިޕޫރާ ޖަޔަޕޫރާ އާއި ހޯމް ޔުނައިޓެޑެވެ. މި މެޗު ކުޅޭނީ ސިންގަަޕޫރުގެ ޖަލަނު ބެސަރު ސްޓޭޑިއަމްގަ އެވެ.