08 Mar 2014, 15:56
މިމަހު 22 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކަންތައް ބެލުމަށްޓަކައި އިލެކްޝަންސް ކޮމިޝަންގެ ދައުވަތަކަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ އިލެކްޝަން އޮބްސަވޭޝަން މިޝަން (އީޔޫ އީއޯއެމް) ގެ ވަފުދެއް ރާއްޖެ އަތުވެއްޖެ އެވެ.
އީޔޫ އީއޯއެމްގެ ވަފްދުން އެންމެ އިސްކޮށް ހަރަކާތްތެރިވެ ލައްވާނީ ޗީފް އޮބްސާވަރު އެޑުއާޑް ކޫކަން އެވެ. ކޫކަން އަކީ ޔޫރަޕިއަން ޕާލިއަމަންޓްގެ މެންބަރުކަން އަދާކުރާ ބޭފުޅެކެވެ. އޭގެ އިތުރުން ކޫކަން އަކީ ސްލޮވާކިއާގެ ކުރީގެ ފޮރިން މިނިސްޓަރު ވެސް މެ އެވެ.
އިންތިހާބު ކުރިއަށްދާ އިރު، ހިނގާ ހުރިހާ ކަންތައްތަކެއް އީޔޫ އީއޯއެމް ވަފުދުން ބަލަމުންދާނެ ކަމަށާއި ބައިނަލްއަގުވާމީ އަދި ސަރަހައްދީ ގައުމުތަކުގެ އެހީތެރިކަން ފުޅާކޮށް ދިނުމުގެ ކަންތައް ކުރިއަށް ގެންދާނެ ކަމުގައި އީޔޫ އިން ނެރުނު ނޫސް ބަޔާނަކުން ބުނެ އެވެ. މި ވަފްދުގައި ހިމެނޭ ހުރިހާ މެންބަރުން ވެސް މަސައްކަތް ކުރައްވާނީ އެއްވެސް ކޮޅަކަށް ނުޖެހި މިނިވަންކަމާ އެކު ގައި ކަމަށް ވެސް ބަޔާނުގައިވެ އެވެ.
އިލެކްޝަން ކަންތައް ބަލައި ދިރާސާ ކުރުމަކީ އިންސާނީ ހައްގުތައް ޕްރޮމޯޓުކޮށް މުޅި ދުނިޔޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް އީޔޫގެ ޕޮލިސީގައި ހިމަނާފައިވާ ކަމެކެވެ.