08 Mar 2014, 15:46
މިއަދަކީ ބައިނަލް އަގްވާމީ ގޮތުން ފާހަގަކުރަމުން އަންނަ އަންހެނުންގެ ދުވަސް ކަމަށް ވާތީ، މިއަދުގެ މުނާސަބާގައި އެމްޑީއޭގެ ފަރާތުން ރާއްޖޭގެ އެންމެހާ އަންހެނުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި އެވެ.
އެމްޑީއޭގެ ނައިބު ލީޑަރު އައިޝަތު ރަފިއްޔާ މިއަދު ވިދާޅުވީ، ބައިނަލް އަގުވާމީ އަންހެނުންގެ ދުވަހެއް އަޅުގަނޑުމެން ފާހަގަ ކުރަމުން އަންނަ އިރު، ރާއްޖޭގައި އަންހެނުންނަށް ކުރި އަރައި ދިޔުމަށް ހުރިހާ ދާއިރާއެއްގައި ވެސް ތަފާތު އެކި ކަހަލަ ހުރަސް ތައް ހުރިކަން ފާހަގަ ކުރައްވާ ކަމަށެވެ. ވަކީން ޚާއްސަ ގޮތެއްގައި އާންމު ވަޒީފާގެ މާހައުލާއި ސިޔާސީ މައިދާނުގައި ސާބިތު ކަމާކު ކުރިޔަށް ދިޔުމުގައި އަންހެނުންނަށް ހުރި ގޮންޖެހުންތައް ގިނަ ކަމަށް ރަފިއްޔާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެމްޑީއޭގެ ފަރާތުން ގަބޫލުކުރާ ގޮތުގައި އެކި ދާއިރާތަކުން ކުރިއަރައި ދިޔުމުގައި އަންހެނުންނަށް ހުރި ގޮންޖެހުންތައް ނައްތާލަން އިތުރު މަސައްކަތްތަކެއް ކުރާން އެބަ ޖެހޭ. ސިޔާސީ މައިދާނުން ވެސް ފަހި ފުރުސަތުތަކެއް ލިބެން އެބަ ޖެހޭ. އެކަމަށް ޓަކައި އެމްޑީއޭގެ ފަރާތުން އަބަދުވެސް މަސައްކަތް ކުރާނެ. ވަކާލާތު ކުރާނެ،" ރާއްޖޭގެ ސިޔާސީ ޕާޓީ އަކުން އިންތިޚާބުވި ފުރަތަމަ އަންހެން ޑެޕިޔުޓީ ލީޑަރު ކަމަށްވާ ރަފިއްޔާ ވިދާޅުވި އެވެ.
ރަފިއްޔާ އިތުރަށް ވިދާޅުވީ އަންހެނުން ބާރުވެރި ކުރުމާއި އަންހެނުންނަށް ލިބެން ޖެހޭ ހައްގު މަގާމު ހޯދައިދިނުމަށް ސަރުކާރުގެ ތެރެއިން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ. މީގެ އިތުރުން އަންހެނުންނަށް ކުރާ އަނިޔާ ތަކާއި ގޯނާތަކުން އެމީހުންނަށް ރައްކާތެރި ކަމާއި ހިމާޔަތްތެރިކަން ހޯދައިދިނުމަށް ޓަކައި ގާނޫނީ ގޮތުން ކުރާން ޖެހޭ ކަންތައްތައް ވެސް އެމްޑީއޭ އިން ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.