08 Mar 2014, 14:49
ކުރިން އިނދެ ވަރިކޮށްފައިވާ މީހަކަށް ޖިންސީ ގޯނާކޮށް، އަނިޔާކުރި ކަމުގެ ތުހުމަތުގައި ކ. ގުރައިދޫން ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
އެމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ހަސަން އިރުޝާދު ނަމަކަށް ކިޔާ މީހެކެވެ.
އެ ފިރިހެން މީހާގެ ކުރީގެ އަނބިމީހާއަކީ އުމުރުން 31 އަހަރުގެ މީހެކެވެ.
ނަން ހާމަ ނުކުރާ ގޮތަށް ގުރައިދޫއިން "ސަން" އާ ވާހަކަ ދެއްކި މީހަކު މިއަދު ބުނީ އިރުޝާދު އޭނާގެ ކުރީގެ އަނބިމީހާ އަށް އަނިޔާކޮށްފައި ވަނީ ރޭގެ ވަގުތެއްގައި އެ އަންހެން މީހާ މަގުމަތިން ދަނިކޮށް އަނދިރި ގޯޅިއެއްގެ ތެރެއަށް ގަދަކަމުން ގެންގޮސްގެން ކަމަށެވެ. އަދި އެ އަންހެން މީހާ އަށް ލިބިފައިވާ އަނިޔާތަކަށް މާލެއިން ފަރުވާހޯދަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.
ސަން އެނގިފައިވާ ގޮތުގައި އެ ދެ މީހުންގެ ދެ ދަރިން ވެސް ތިބެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަންހެނަކަށް އަނިޔާކުރިކަމުގެ ތުހުމަތުގައި ފިރިހެނަކު މިއަދު ގުރައިދޫން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ގުރައިދޫގައި އަންހެނަކަށް އަނިޔާކުރި މައްސަލައެއްގެ ތުހުމަތުގައި އޭނާގެ ކުރީގެ ފިރިމީހާ ހައްޔަރުކޮށްފައި މިވަނީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަހު އެވެ.