ބީޖީ ކަންމަތީގައި ހޮނިހިރު ދުވަހުގެ ރޭ ހިނގި މާރާމާރީއެއްގައި ފުލުހުންގެ ބަޔަކު ވެގެން މީހެއްގެ ގައިގައި ތަޅާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ލީކުވެއްޖެ އެވެ.


ގެއެއްގެ މަތިން ނަގާފައިވާ ދެ މިނެޓްގެ އެ ވީޑިއޯ އިން ފުރަތަމަ ފެންނަނީ ހުސްގަޔާ ހުރި ޒުވާނެއްގެ ގައިގައި ހަ ފުލުހަކު ކައިރީގައި ތިބެގެން އެތަނުން އެއް ފުލުހަކު އޭނާގެ ގައިގައި ތަޅާ ތަނެވެ. އަދި ތަދުވެޔޭ ގޮވައި ހަޅޭއްލައްވާ އަޑާއި ހަޑިހުތުރު ބަހުން އެއްޗެތި ގޮވާ އަޑު ވެސް އިވެ އެވެ.


މަޢުލޫމާތު ލިބިފައިވާ ގޮތުގައި ވީޑިއޯ އިން ފެންނަ ޒުވާނާ އަކީ މިހާރު ވެސް ފުލުހުންގެ ހައްޔަރުގައި ހުރި އުމުރުން 23 އަހަރުގެ ވިސާހު އަބުދުލް ލަތީފެވެ. އަދި އޭނާ ހައްޔަރު ކޮށްފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ ބީޖީ ސަރަހައްދުގައި ހިންގި ގްރޫޕް މާރާމާރީއެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ، ޒަޚަމްކޮށް ލުމާ ގުޅިގެން ނެވެ.


ފުލުހުން ބުނެފައި ވަނީ އެ މާރާމާރީއާ ގުޅިގެން އެ ސަރަހައްދުން މީހުން ދުރަށް ލުމަށް އުޅުމުގެ ތެރޭގައި ދެ ފުލުހަކަށް ހަމަލާދިނުމާ ގުޅިގެން ދެ މީހަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.


ވީޑިއޯއިން ފެންނަ ގޮތުން އިތުރު މީހަކު ވެސް ފުލުހަކު ބިޑި އަޅުވައި ހިފަހައްޓާ ތަން ފެނެ އެވެ. އަދި ވިސާހު ބިންމައްޗަށް ވައްޓާލުމަށް ފަހު އޭނާގެ އަތުގައި އެތަނުން ފުލުހަކު ބިޑިއަޅުވަން މަސައްކަތް ކުރާތަން ފެނެ އެވެ. ނަމަވެސް އެ ވަގުތު އިތުރު މީހަކު އެ ދެ މެދަށް ވަދެ އޭނާ ސަލާމަތް ކުރަން އުޅެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ވިސާހުގެ ބައްޕަ އެވެ.


އެހެންނަމަވެސް ފުލުހުން އޭނާ އެތަނުން ދުރަށްލައި ވިސާހު ބިޑި އަޅުވައިގެން ގެންދެ އެވެ.


އެ ސަރަހަށްދަށް އެވަގުތު ގިނަ އަދަދެއްގެ ބަޔަކު މަންޒަރު ބެލުމަށް އެއްވެތިބި މަންޒަރު ވީޑިއޯއިން ފެނެ އެވެ.


ފަހަތުން ހުދު ކުލައިގެ ގަމީހެއް ލައިގެން ހުރި އިތުރު ޒުވާނެއް ވެސް އިތުރު ފުލުހަކު ދެއަތް ފުރަގަހަށްލާ ހިފަހަށްޓާފައި ހުރި ތަން ވެސް އެ ވީޑިއޯއިން ފެނެ އެވެ. އެ ވަގުތު ގިނަ އަނދަދެއްގެ ބަޔަކު އެ ސަރަހައްދަށް މަންޒަރު ބަލަން އެއްވެ ތިބިތަން ވެސް ވީޑިއޯ އިން ފެނެއެވެ.


އެ މައްސަލަ އާއި ގުޅިގެން ފުލުހުންގެ އޮފިޝަލު ވިދާޅުވީ ކުޑަ އިރުކޮޅެއްގެ ތެރޭގައި ބަޔާން ނެރޭނެ ކަމަށެވެ.


 މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ މިއަދު ނޫސް ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނެއްގައި ބުނެފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެރޭ ގާތްގަނޑަކަށް 8:00 ހާއިރު މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދިނުމާއި ގުޅިގެން ގްރޫޕް ހަދައިގެން އުޅޭ އެކި ފަރާތްތަކުން އެއްވާ ސަރަހައްދު ތަކަށް ބައެއް ފަރާތްތަކުން އެއްވަމުން ދިއުމުން އެ ސަރަޙައްދުތަކަށް އެއް ނުވުމަށް ފުލުހުން އިލްތިމާސް ކުރަމުންދަނިކޮށް މާފަންނު އިއްޒުއްދީން މަގާއި މުރަނގަމަގު ގުޅުނު ހިސާބު ސަރަޙައްދުން އެގޮތަށް އިލްތިމާސް ކުރި ދެ ފުލުހަކަށް އެސަރަޙައްދުގައި ތިބި ބަޔަކު ހަމަލާދީ ފުލުހުންގެ އަތުގައި އޮތް ޓޯކީއާއި ސައިކަލް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ އަދި އެކަމާ ގުޅިގެން އެސަރަޙައްދަށް އިތުރު ފުލުހުން ފޮނުވާ އެވަގުތަށް ބޭނުންވި ބާރުގެ ބޭނުންކޮށްގެން އެމީހުން ކޮންޓްރޯލްކޮށް އެސަރަޙައްދުން ފުލުހުންނާ ކުރިމަތިލި ދެ މީހަކު ފުލުހުން ހައްޔަރު ކުރި ކަމަށެވެ.


އެރޭ ގާތްގަޑަކަށް 8:45 ހާއިރު ހިނގި އެ ހާދިސާގައި ފުރުތަމަ އެމީހުން ދެ ފުލުހަކަށް ހަމަލާދީ އަނިޔާކުރަމުން ދިއުމާއި ގުޅިގެން އެމީހުންގެ ދިފާޢުގައި އެސަރަޙައްދަށް ދިޔަ އިތުރު ފުލުހުންނަށް ވެސް އެސަރަޙައްދުގައި ތިބި މީހުން ކުރިމަތިލާ ވަނީ ހަމަލާދީފައި ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި އެސަރަޙައްދަށް ތިން ވަނަ ފަހަރަށް އިތުރު ފުލުހުން ދިއުމުން ވެސް އެމީހުން ފުލުހުންނާ ކުރިމަތިލާފައިވާ ކަމަށް ބަޔާނުގައި ވެއެވެ.
ފުލުހުން ބުނީ އެ ހަމަނުޖެހުމުގައި ފަސް ފުލުހަކަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށާއި އަދި ބައެއް ފުލުހުންގެ ޔުނިފޯމުގެ ބައެއް އައިޓަމްތަކާއި، ޓޯކީ ފަދަ ތަކެތި އެސަރަޙައްދުން ފުލުހުންނާ ކުރިމަތިލި މީހުން ޖަހައިގަން ފައިވާ ކަމަށެވެ.


އެ މައްސަލައާއި ގުޅިގެން އެސަރަޙައްދުތަކުން ފުލުހުންނާ ކުރިމަތިލި ފަރާތްތަކާއި ގުޅުންހުރި ބައެއް ފަރާތްތަކުން ފުލުހުން އެމީހުންނަށް އަނިޔާކުރި ކަމަށް ބުނެ ވާހަކަ ދެއްކެވި ނަމަވެސް ފުލުހުން ބާރުގެ ބޭނުން ކޮށްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން މަސައްކަތްކުރި ފަރާތަކުން ނުކިޔަމަންތެރިކަން ދައްކާ ފުލުހުންގެ ބެލުމުގެ ދަށަށް ދިއުމަށް ދެކޮޅު ހަދާ ފިލަން މަސައްކަތް ކުރުމުން ގަދަކަމުން ކޮންޓްރޯލް ކޮށް ބިޑިއަޅުވަން ޖެހުމުން ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައި ވެއެވެ. އަދި ނުކިޔަމަންތެރިކަން ދައްކަމުންދިޔަ ފަރާތް އެސަރަހައްދުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނޮގޮސް ކޮންޓްރޯލް ކުރި ފަހުން އެއްވެސް މީހަކަށް އިތުރަށް ބާރުގެ ބޭނުން ކޮށްފައިވާކަމުގެ ޝަކުވާ ލިބިފައި ނުވާ ކަމަށް ވެސް ވެއެވެ.


ގްރޫޕް ހަދައިގެން ތަފާތު ކުށްތަކަށް އަރައިގަނެ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ވަޅިފަދަ ތަކެތިން މީސްމީހުންނަށް ހަމަލާދީ ހަދާ ފަރާތްތަކާ ކުރިމަތިލާ އެފަދަ ފަރާތްތަކުގެ ޢަމަލުތައް ހުއްޓުވުމަށް ފުލުހުންކުރާ މަސައްކަތަށް ރައްޔިތުން އެއްބާރުލުން ދިނުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.