08 Mar 2014, 14:01
ފްރާންސްގެ އޭއެސް މޮނާކޯ އިން އިސްކަމެއް ދެނީ ރީތި ފުޓްބޯޅައެއް ކުޅެން ކަމަށާއި ނަތީޖާ މުހިންމު ނޫން ކަމަށް އެ ކްލަބުގެ ކޯޗު ކްލައުޑިއޯ ރަނިއެރީ ބުނެފި އެވެ.
ފްރާންސް ލީގުގެ އެއްވަނާގައި އަދިވެސް އޮތީ އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމެން (ޕީއެސްޖީ) އެވެ. ލީގުގެ ދެވަނާގައި މޮނާކޯ އާއި އެއްވަނާގައި އޮތް ޕީއެސްޖީ އާއި ދެމެދު 8 ޕޮއިންޓްގެ ތަފާތެއް އެބަ އޮތެވެ. ނަމަވެސް އެ ތަފާތާއި މެދު އެއްވެސް ހާސް ނުވާ ކަމުގައި ރަނިއެރީ ބުނެފައިވެ އެވެ.
"ކޯޗެއްގެ ގޮތުގައި އަހަރެންނަށް މުހިންމީ ޓީމު ލައްވާ ރަނގަޅު ފުޓުބޯޅައެއް ކުޅުވުން،" އޭނާ ބުންޏެވެ. "އަހަރެން ބޭނުން ވަނީ މޮނާކޯ ލައްވާ ރީތި ފުޓުބޯޅައެއް ކުޅުވަން. އަހަރެން ދެކޭގޮތުގައި، ފުޓްބޯޅައިގެ ފިލޯސަކީ އަކީ އެއީ. މުހިންމީ ނަތީޖާއެއް ނޫން. މުހިންމީ ރީތި ކުޅުމެއް." ރަނިއެރީ ބުންޏެވެ.
ފްރާންސް ލީގުގައި މިރޭ ސޮޗޯޒްއާ ދެކޮޅަށް މޮނާކޯ ނުކުންނަ އިރު، ޓީމުގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެންނާނެ ކަމަށް ރަނިއެރީ އުންމީދުކުރެ އެވެ.
"އެންމެ މުހިންމު ކަމަކީ ކުރިއަށް އޮތް މެޗާއި މެދު ވިސްނުން، ސޮޗޯޒްއާ ދެކޮޅަށް ކުޅޭ މެޗާއި މެދު ވިސްނުން،" ރަނިއެރީ ބުންޏެވެ. "މި މެޗަކީ އުނދަގޫ މެޗަކަށް ވާނެ. ރޭމްސްއާ ދެކޮޅަށް ކުޅުނު މެޗު ފަދަ އުނދަގޫ މެޗަކަށް ވާނެ."
މިރޭ މޮނާކޯއާ ދެކޮޅަށް ރެލިގޭޝަންގެ ބިރާއެކު ސޮޗޯޒް ނުކުންނަ އިރު، އެ ޓީމު އޮތީ ލީގުގެ ނަވާރަ ވަނައިގަ އެވެ. މޮނާކޯގެ ދަނޑުގައި ކުޅޭ މިމެޗު ފެށޭނީ ރާއްޖޭ ގަޑިން މެންދަމު 12:00 ގަ އެވެ.