އެޗްއައިވީ ފެތުރިދާނެ ފަދަ ރައްކާތެރި ނޫން އާދަތައް ރާއްޖޭގައި ދަނީ އިތުރުވަމުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އެޗްޕީއޭ އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖެއަކީ އެޗްއައިވީ ޖެހިފައިވާ މީހުން މަދު ގައުމެއް ކަމަށާއި ނަމަވެސް އެޗްއައިވީ ފެތުރިދާނެ ފަދަ އަމަލުތައް ގިނަވަމުން އަންނަ ކަމަށެވެ.

"ރާއްޖެއަކީ ނިސްބަތުން އެޗްއައިވީ ޖެހިފައިވާ މީހުން މަދު ގައުމުގެ ތެރޭގައި ހިމެނޭ ގައުމެއް. ނަމަވެސް މުޖްތަމައުގައި ގިނަ ބަޔަކަށް އެޗްއައިވީ ފެތުރިގެން ހިނގައިދާނެ ފަދަ ރައްކާތެރި ނޫން އާދަތަކާއި އަމަލުތައް ރާއްޖޭގައި އިތުރުވަމުންދާ ކަމުގައި ވަނީ ފާހަގަ ކުރެވިފައި،" އެ ބަޔާނުގައިވެ އެވެ.

އެޗްއައިވީ ޖެހިދާނެ އެއްވެސް އަމަލަކަށް ހުޅުވިފައިވާ ނަމަ ވީ އެންމެ އަވަހަކަށް ޓެސްޓު ކުރުމަކީ މުހިންު ކަމެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

"އެއިޑްސް އަަށް ޓެސްޓު ކުރާއިރު ތިމާއަކީ ކާކުކަން ނޭނގޭ ގޮތަށް ވެސް ޓެސްޓު ކުރެވިދާނެ،" އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އެއިޑްސް ބައްޔަށް ދުނިޔޭގެ ފެންވަރުގައި ލިބެން ހުރި އެންމެ ރަނގަޅު ބޭސްތައް ރާއްޖޭގައި ވެސް ލިބެން ހުރި ކަމަށާއި މިހާތަނަށް އެ ބަލި ޖެހިފައިވާ އެންމެނަށް ސަރުކާރުން ހިލޭ ބޭސް ކުރަމުންދާ ކަމަށެވެ.