08 Mar 2014, 13:15
ވިލިމާލޭގައި ބޯޅަ ކުޅެން އުޅެނިކޮށް އަނބުރައި ގަނެގެން ވެއްޓުނު ކުއްޖަކު، އިތުރު ފަރުވާއަށް މާލެ ގެންނަނިކޮށް މަރުވެއްޖެ އެވެ.
އިއްޔެ ހަވީރުގެ ވަގުތެއްގައި ރައްޓެހިންތަކަކާ އެކު ފުޓު ބޯޅަ ކުޅެން އުޅެނިިކޮށް، ހޭނެތިގެން ވެއްޓުނު ކުއްޖަކީ ލ. ގަމު، ހަސަން ނާފިއު، 17 އެވެ.
އޭނާ ސިއްހީ މަރުކަޒަށް ގެންދިޔައީ އޭނާއާއެކު އެވަގުތު ތިބި ކުދިންތަކެއްގެ އެހީތެރިކަމާ އެކުގަ އެވެ.
ވިލިމާލޭ ސިއްހީ މަރުކަޒު ހިންގެވުމާ ހަވާލުވެ ހުންނެވި އަހުމަދު ޒާހިރު މިއަދު ސަންއަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ނާފިއު ވިލިމާލޭ ސިއްހީ މަރުކަޒަށް ގެންދިޔައީ އިއްޔެ ހަވީރު 5:00 ޖަހާއެހާކަންހާއިރު ކަމަށެވެ. އަދި އޭނާ ސިއްހީ މަރުކަޒަށް ގެންދިޔައީ ކުޅެން އުޅެނިކޮށް، ފިޓް ޖެހި، އަނބުރައި ގަނެގެން ވެއްޓިގެން ކަމަަށެވެ. ނާފިއު ހޮސްޕިޓަލަށް ގެނައީ ރައްޓެހިން ކަމަށް އޭނާ ވިދާޅުވި އެވެ.
ޒާހިރު ވިދާޅުވީ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ނާފިއު އޮތީ "ހުއްޓިފައި" ކަމަށެެވެ. އަދި ފިޓްޖެހިގެން ވެއްޓުނު ކަމަށް ބަލާފައި އޭނާގެ އަގަޔަށް ލެއްވި "ރަބަރު އެތި ކޮޅެއް" ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ނޭވާ ހޮޅީގައި ތާށިވެފައި ހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިކޮޅަށް ގެނައިއިރު ވެސް އޮތީ ހުއްޓިފައި. ސިއްހީ މަރުކަޒުން ކާޑިއެކް ހެދި ވަގުތު ނޭވާހޮޅީގައި ތާށިވެފައިވާ ރަބަރު އެތިކޮޅު ވަނީ މައްޗަށް އަރާފައި، އޭތި ކޮޅު ނެގުމަށް ފަހު މާލެ ގެންދިޔައީ އެ ގަޑީގައި ފެރީއެއް ވެސް ނެތުމުން ޑޮކްޓަރަކާއި ނަރުހަލު ލާފައި އޮކްސިޖަން މާސްކްއާ އެކު ފުލުހުންގެ ބެލުމުގެ ދަށުން މާލެ ގެންދިޔައީ،" ޒާހިރު ވިދާޅުވި އެވެ.
ޒާހިރު ވިދާޅުވީ އެ ފިރިހެން ކުއްޖާއަކީ ކުރިން ބައިޕާސް އޮޕަރޭޝަނެއް ވެސް ހަދާފައި ހުރި ކުއްޖެއް ކަމަށާއި އޭނާ މަރުވެފައި ވަނީ މާލެ ގެންދިޔަ މަގުމަތީގައި ހާޓްއެޓޭކެއް ޖެހިގެން ކަމަށް ބެލެވޭ ކަމަށެވެ.
އެ ޒުވާނާ އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް އައިޖީއެމްއެޗާ ހަވާލާދީ އޭނާ ވިދާޅުވި އެވެ. ނަމަވެސް މިކަމާ ގުޅިގެން އައިޖީއެމްއެޗްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ފުލުހުން ބުނީ ވިލިމާލޭގެ ސިއްހީ މަރުކަޒުގެ ރިކުއެސްޓަކަށް އިއްޔެ މީހަކު އައިޖީއެމްއެޗަށް އިމަޖެންސީގައި ފުލުހުން ގެންގޮސްދީފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް އެނގިިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.