08 Mar 2014, 13:16
ގައުމު ހިންގުމުގެ ކަންކަމުގައި އަންހެނުން އިސް ނަގާ މިންވަރު އަދި ވެސް ދަށް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން މިއަދު ބުނެފި އެވެ.
ދުނިޔޭގެ އަންހެނުންގެ ދުވަހާ ގުޅިގެން އެޗްއާރްސީއެމް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގައުމުގެ ހިންގުމުގެ ކަންކަމުގައި ބައިވެރިވުމަށް ލިބޭ ފުރުސަތުތަކުގައި ބައިވެރިނުވުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ.
"ލޯކަލް ކައުންސިލް އިންތިހާބުގައި އަންހެނުން ވާދަކޮށްފައިވާ އަންހެނުންގެ އަދަދު މަދު ކަމަށް ފާހަގަ ކުރެވޭ. ގައުުމު ހިންގުމުގައި ބައިވެރިވުމަށް ލިބޭ މިފަދަ މުހިންމު ފުރުސަތުތަކުގައި އަންހެނުންގެ ބައިވެރިވުން މަދުވަމުންދާކަމީ ހިތާމަހުރި ކަމެއް،" އެ ބަޔާނުގައިވެ އެވެ.
އަންހެނުންގެ ހާލަތާ ގުޅޭ ގޮތުން ހަދާފައިވާ ދިރާސާތަކުގެ މައްޗަށް ބިނާކޮށް އަންހެނުންގެ ހައްގުތަށް ކުރިއެރުވުމަށް ހާއްސަ ކަންތައްތަކެއް ދައުލަތުން ކުރުމަކީ މުހިންމު ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ދެމެހެއްޓެނިވި ގޮތެއްގައި އަންހެނުންނަށް ބޭނުންވާ މާލީ އެހީ އާއި ތަމްރީނު ލިބޭނެ ގޮތް ހެދުމަކީ ވެސް އަންހެނުންގެ ތަރައްގީ އަށް އެޅޭނެ މުހިންމު ފިޔަވަޅެއްކަން އެޗްއާރްސީއެމް އިން ފާހަގަކޮށްފައިވެ އެވެ.
ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނެއް ހަދާފައި އޮތް ނަަމަވެސް އެ ގާނޫނުގެ އެންމެ ފުރިހަމަ ފައިދާ ލިބޭނީ ގާނޫނުގެ ދަށުން އުފައްދާފައިވާ މުއައްސަސާތައް އިތުރަށް ބާރުވެރި ކުރުވައިގެން އެކުގައި މަސައްކަތްކޮށްގެން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
"މިގޮތުން ފުލުހުންނާއި ޝަރުއީ ދާއިރާ އާއި ސިއްހީ ހިދުމަތްދޭ ފަރާތްތަކާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއާ ކަމާ ބެހޭ ހުރިހާ މުއައްސަސާތަކެއް ގުޅިގެން މަސައްކަތް ކުރުމަކީ މުހިންމު ކަމެއް،" އެ ބަޔާނުގައިވެ އެވެ.
އޭގެ އިތުރުން އެޗްއާރްސީއެމް އިން ބުނެފައި ވަނީ އަނިޔާ ލިބޭ އަންހެނުންނަށް އިންސާފު ލިބެން އޮތް މަގު ލަސްވުމަކީ ވެސް އިތުރު އަނިޔާއެއް ކަމަށާއި ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން ލިބެންޖެހޭ ހިމާޔަތާއި ފިޔަވަޅުތައް އަވަހަށް އެޅުމަށް ގޮވާލާ ކަމަށެވެ.