އައްޑޫ ސިޓީ ހިތަދޫގެ ތިން މަގެއްގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފި އެވެ.

އެ މަސައްކަތް މިއަދު ފައްޓަވައިދެއްވީ ހިތަދޫ މެދުދާއިރާއަށް ޕީޕީއެމްއިން ކުރިމަތިލާ ކެނޑިޑޭޓް ހިޔަލީ މުހައްމަދު ރަޝީދު އާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)ގެ ޗެއާމަން ހާލިދު އަލީއެވެ.

އެމްއާރްޑީސީގެ އިސް އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ މިއަދު ފެށި އެޕުރޮޖެކްޓްގެ ދަށުން ހިތަދޫގެ ތިން މަގެއް ކަމުގައިވާ ރަށްދެބައިމަގާއި ސަންލައިޓް ހިނގުމުގެ އިތުރުން ކަނީރު މަގުގައި ތާރު އަޅާނެ ކަމަށެވެ.

އެއީ ސަރުކާރުގެ ހަރަދުގައި ހިންގާ ޕުރޮޖެކްޓެކެވެ.

އޮފިޝަލް ވިދާޅުވީ އެ ތިން މަގުގައި ތާރު އަޅައި މިމަހުގެ 17ގެ ކުރިން ނިންމާނެ ކަމަށެވެ.