ޖެނުއަރީ ޓްރާންސްފާގައި ކުއީން ޕާކްސް ރޭންޖާސް (ކިޔުޕީއާރު) އިން ލޯނުގެ ދަށުން އޭސީ މިލާނާއި ގުޅުނު މޮރޮކޯ ވިންގާ އަޑެލް ޓާރަބަޓް، ދިގު މުއްދަތަކު އެކުލަބުގައި ހުންނަން ބޭނުންވާ ކަމަށް އޭނާ ބުނެފި އެވެ.

ސީޒަނުގެ ކުރީ ކޮޅުގައި ލޯނުގެ ދަށުން އުމުރުން 24 އަހަރުގެ ޓާރްބްޓް ކުޅުނީ ފުލަމް އަށެވެ. ނަމަވެސް ފަހުން މިލާނާއި ގުޅެން އެދުމުން ކިޔުޕީއާރުން ލޯނުގެ ދަށުން މިލާނާއި ގުޅެވޭނެ ގޮތް ހަމަޖައްސައިދީފައިވެ އެވެ. މިލާނާއި ގުޅުނުތާ ގިނަ ދުވަސްތަކެއް ނުވެ، ޓާރަބަޓް ވަނީ އެ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވެފަ އެވެ.

"މިލާނާއި ކިޔުޕީއާރާއި ދެމެދު އަޅާކިޔާނެ އެއްވެސް ޖާގައެއް ނެތް،" ޓާރަބަޓް ބުންޏެވެ. "މިލާނުގައި ގިނަ ދުވަސްތަކެއް ހޭދަކުރަން ބޭނުން. މިލާން އަކީ ވަރަށް ވަރުގަދަ ކުލަބެއް. އަދި އެ ޓީމަށް މިހާރު އަހަރެން މިވަނީ ހޭނިފައި. މިލާނުގައި އަހަރެންގެ އެންމެ ރަނގަޅު ކުޅުން ދެއްކިދާނެ. އެ ޓީމުން އަހަރެންނަށް ފުރުސަތު ވެސް ލިބޭ."

މިލާނުގައި ތިބި ހުނަރު ހުރި ކުޅުންތެރިންނާއެކު އުފާވެރި ދުވަސްތަކެއް ހޭދަކުރަމުންދާ ކަމުގައި ވެސް ޓާރަބަޓް ބުނެފައިވެ އެވެ.

"މިލާނުގައި، ޖެހޭނީ މޮޅު ކުޅުންތެރިއެއްގެ ފަހަތުން މަސައްކަތް ކުރަން. ކަކާ އަކީ މޮޅު ކުޅުންތެރިއެއް. ވަރަށް ސީރިއަސްކަން ބަހައްޓާ ބެލޮންޑިއޯ އެވޯޑް ކާމިޔާބުކުރި ކުޅުންތެރިއެއް. އަދި ހަމަ އެގޮތަށް ބަލޮޓެލީ ފަދަ ކުޅުންތެރިއަކާ އެކު ކުޅެން ޖެހުމުން އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭނެ. މި ފަދަ މޮޅު ކުޅުންތެރިންނާ އެކު މަސައްކަތް ކުރަމުން މިދަނީ އުފަލާއި އެކު." ޓާރަބަޓް ބުންޏެވެ.