ގެއްލިގެން އުޅުނު މެލޭޝިއާ އެއާލައިންގެ މަތިންދާބޯޓް ކަނޑަށް ވެއްޓިފައިވާ ކަމަށް ވިއެޓްނާމްގެ ކަނޑުގެ ސިފައިން ބުނެފި އެވެ.

ވިއެޓްނާމްގެ ކަނޑުގެ ސިފައިންގެ އިސް އޮފިސަރެއް ކަމަށްވާ އެޑްމިރަލް ގޯވާން ފާޓް އާ ހަވާލާދީ އެގައުމުގެ ސްޓޭޓް މީޑިއާ އިން ބުނި ކަމަށް ރޮއިޓާސް ބުނީ ކުއާލަލަމްޕޫރުން ފުރައިގެން ޗައިނާގެ ބެއިޖިންއަށް 239 މީހުންނާ އެކު ދަތުރުކުރި އެމްއެޗް 370 މަރުކާގެ ބޯޓު ދެކުނު ޗައިނާ ކަނޑަށް ވެއްޓިފައިވާ ކަމަށެވެ.

މެލޭޝިއާގެ މަތިންދާބޯޓް ވެއްޓުނު ސަރަހައްދަށް ވިއެޓްނާމްގެ ބޯޓްތަކެއް އަވަހަށް ދިއުމަށް އެޑްމިރަލް ވާން އަމުރުކުރައްވާފައިވާ ކަމަށް ވެސް ވިއެޓްނާމްގެ ސްޓޭޓްމީޑިއާ އިން ވަނީ ބުނެފަ އެވެ.

ނަމަވެސް އެބޯޓް ވެއްޓުކަން މެލޭޝިއާ އެއާލައިނުން އަދި ކަށަވަރު ނުކޮށްދޭ ކަމަށް ވެސް ރޮއިޓާސް ބުންޏެވެ.
ބޯޓް ހޯދުމުގެ މަސައްކަތް ކުރަމުން އައީ ވިއެޓްނާމާއި މެލޭޝިއާ ގުޅިގެންނެވެ. އަދި އެކަމަށް އެހީތެރިވުމަށް ޗައިނާ އިން ވެސް ބޯޓްތައް ފޮނުވާފަ އެވެ.

ގެއްލި، އަދި ވެއްޓުކަމަށް ބުނާ ބޯޓުން ދިވެއްސަކު ދަތުރު ނުކުރާ ކަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

"އެބޯޓް ގެއްލުނުކަން އެނގިގެން މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ގުޅައިގެން އަޅުގަނޑުމެން ވަނީ މައުލޫމާތު ސާފުކޮށްފައި. އެބޯޓުން ދިވެއްސަކު ދަތުރު ނުކުރާކަން ވަނީ އެނގިފައި،" ފޮރިން މިނިސްޓްރީގެ އެސިސްޓެންޑް ޑިރެކްޓަރު މުހައްމަދު ނިއުޝާދު ވިދާޅުވި އެވެ.