ތިރީސް އެތައް އަހަރެއް ވަންދެން ސިޔާސީ ކުށްވެރިއެއްގެ ގޮތުގައި ޖަލުގައި ހޭދަކުރައްވާފައިވާ ބަރުމާގެ ޑިމޮކްރަސީ ލީޑަރު އަންސަން ސޫޗީގެ ޒަވާޖީ ހަޔާތުގެ މައްޗައް ފިލްމެއް ހަދަން ފަށައިފި އެވެ.


"ދަ ލޭޑީގެ" ނަމުގައި ފަރަންސޭސި ޑައިރެކްޓަރު ލުކް ބެސަން ހަދާ އެ ފިލްމުގައި ދައްކުވައިދެނީ އަންސަން ސޫޗީ ގައުމާއި ދުރުގައި އުޅުއްވުމަށްފަހު ގައުމަށް ކުރެއްވި ޒިޔާރަތުގައި ގައުމުގައި ބަންދުވެ، އާއިލާއާ ދެތަންވުމުން އެކަމަނާ އުފުއްލަވަން ޖެހިވަޑައިގަތް ބުރަތަކެވެ. އަދި އެ ދަނޑިވަޅުގައި އެކަމަނާގެ ފިރިކަލުން މައިކަލް އެލިސް އަށް ކެންސަރުޖެހިފައި ވާކަން އެނގެ އެވެ. އެހިސާބުން އަންސަން ސޫޗީއަށް ކުރިމަތި ލައްވަން ޖެހިވަޑައިގަންނަވަނީ ދެ ގޮތެކެވެ. އެއީ ފިއްލަވައިގެން ގައުމުން ވަޑައިގަތުން، ނޫނީ ގައުމަށްޓަކައި މަޑުކުރެއްވުމެވެ. އަދި ސީޔާސީ ގޮތުން ވަރުގަދަ ދެ ބޭފުޅުންގެ ލޯބީގެ ނިމުން އަންނަނީ އެ ހިސާބުންނެވެ. އެގޮތުން ސޫޗީގެ ފިރިކަލުން އެލިސް ސޫޗީގެ ލޮލަށް ނުފެނި ދުނިޔެ ދޫކޮށް ދެއެވެ.


މުޅި ފިލްމުން ބިނާވެފައި ވަނީ ސޫޗީގެ ލޯބީގެ ހަޔާތުގައި ދިމާވި ދަތިތަކުގެ މައްޗައް ކަމަށް ފިލްމުގެ ޑައިރެކްޓަރު ބުންޏެވެ.


ރެބްކާ ފުރެޔަންގެ ވާހަކައެއްގެ މައްޗަށް އުފައްދާ އެ ފިލްމުގައި ސޫޗީގެ ބައި ކުޅެފައިވަނީ މައިކަލް ޔޯހް އެވެ. ސޫޗީގެ ފިރިކަލުންގެ ރޯލު ކުޅެފައި ވަނީ ޑޭވިޑް ތެވްލިސް އެވެ.


ފިލްމުގެ ޑައިރެކްޓަރު ބުނީ އެ ފިލްމް މަންޒަރުތައް ނެގުމުގެ މަސައްކަތް ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށެވެ. މިއީ ސޫޗީގެ ހަޔާތުގެ ނުދައްކާ ހުރި ވާހަކަތަކެއް ގެނެސްދޭ ވަރަށް ތަފާތު ފިލްމަކަށް ވާނެ ކަމަށް ޑައިރެކްޓަރު ބުންޏެވެ.