08 Mar 2014, 11:42
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ސީރިއަސް ޒަހަމްތަކެއް ލިބުނު މީހާ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންގޮސްފި އެވެ.
ހުޅުމާލޭގައި ބުރާސްފަތި ދުވަހުގެ އިރުއޮއްސުން އިރު ދެ ސައިކަލެެއް ޖެހި ހިނގި އެ އެކްސިޑެންޓްގައި ސީރިއަސް ޒަހަމްތަކެއް ލިބިފައިވާ 43 އަހަރުގެ ފުވައްމުލަކު މީހާ އަށް ފަރުވާދިނުމަށް އެރޭ ވަނީ އިމަޖެންސީގައި މާލެ ގެނެސްފަ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އޭނާ ވަނީ އިތުރުފަރުވާއަށް އިއްޔެ ހެނދުނުގެ ވަގުތެއްގައި ސްރީލަންކާއަށް ގެންގޮސްފަ އެވެ.
އައިޖީއެމްއެޗުން ބުނީ އެ ދުވަހުގެ އެކްސިޑެންޓަށް ފަހު އެމީހާ އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް އޮތީ ސީރިއަސް ހާލަތެއްގައި ކަމަށާއި އިތުރު ފަރުވާއަށް އޭނާ ރާއްޖެއިން ބޭރަށް ގެންގޮސްފައިވަނީ އާއިލާއިން ކަމަށެވެ.
މި އެކްސިޑެންޓްގައި އޭނާގެ ބޮލަށް ބޮޑު އަނިޔާއެއް ލިބިފައިވާއިރު އޭނާއަށް އެކިވަރުގެ ޒަހަމްތަކެއް ލިބިފައިވާ ކަން އައިޖީއެމްއެޗުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އޭނާއާ ބެހޭ އިތުރު ތަފްސީލެއް އާއިލާއިން ބޭނުންނުވާތީވެ އައިޖީއެމްއެޗުން ވެސް ވަނީ ސާފުވާގޮތް ނުވެފަ އެވެ.
ހުޅުމާލޭ ހިނގި އެ އެކްސިޑެންޓްގައި އިތުރު މީހަކަށް ވެސް އަނިޔާވި އެވެ. ނަމަވެސް އޭނާގެ ހާލު ސީރިއަސް ނޫނެވެ. އޭނާއަށް ހުޅުމާލޭ ހޮސްޕިޓަލުން ގެންދަނީ ފަރުވާދެމުންނެވެ.