މޮސްކޯ (މާޗް 8) : ޔުކްރޭންގެ މައްސަލާގައި ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ އެއްވެސް ފިޔަވަޅެއް އެމެރިކާ އަޅައިފި ނަމަ އެކަމަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ރަޝިޔާ އިން ދީފި އެވެ.

ރަޝިޔާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޔުކްރޭންގެ މައްސަލާގައި އެމެރިކާ ގެންގުޅެން ފަށާފައި ވަނީ ތަސައްރަފް ނުފުދޭ އަދި އަވަސްއަރައިގަނެގެން އުޅޭ ބާވަތުގެ ދެކޮޅު ނުޖެހޭ ސިޔާސަތު ތަކެއް ކަމުގައެވެ. އަދި ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅެއް އަޅައިފި ނަމަ ރައްދުގައި އެމެރިކާ ހިތާމަކުރަންޖެހޭ ފަދަ އެތައް ފިޔަވަޅެއް އެޅުމުގެ ފުރްސަތު ރަޝިޔާ އަށް އޮތް ކަމަށް ވެސް މިބަޔާން ބުނެ އެވެ. ޔުކްރޭނުގެ މައްސަލައިގެ ތެރެއަށް ރަޝިޔާ ވަންނަމުންދާތީ އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ދެމުންގެން ދިޔަ ނަމަވެސް ޔޫރަޕްގެ އިއްތިޙާދުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރެއް ނުދެ އެވެ.

ޔޫރަޕުން މިފަދަ އިންޒާރެއް ނުދެނީ ޔޫރަޕްގެ އިއްތިޙާދުގެ ގިނަ ގައުމުތަކަކީ ރަޝިޔާއިން ފޯރުކޮށްދޭ ގުދްރަތީ ގޭހަށް ބަރޯސާ ކުރާ ގައުމުތަކަށް ވަތީ ކަމަށް ތަޖްރިބާކާރުން ދެކެ އެވެ. ޔުކްރޭންގެ މައްސަލާގައި ރަޝިޔާއާ ދެކޮޅަށް އަޅާނެކަމުގެ އިންޒާރު އެމެރިކާ ދިން ނަމަވެސް ވަރަށް އާދައިގެ ޑިޕްލޮމެޓިކް ފިޔަވަޅެއް މެނުވީ އެމެރިކާ އަޅާފައެއްނުވެ އެވެ.

ރަޝިޔާއަކީ ދުނިޔޭގައި ޢަސްކަރީ ދެވަނަ ބާރަށްވެފައި ތެލާއި ގުދްރަތީ ގޭހުގެ ގޮތުން މައްސަނދި ގައުމަކަށްވެފައި އިލްމީ ގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ގައުމަށްވުމުގެ އިތުރުން ރަޝިޔާއަކީ އދ.ގެ ސަލާމަތީ މަޖިލީހުގައި ވިޓޯ ކުރުމުގެ ބާރު ލިބިފައިވާ ގައުމަކަށްވާތީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ މާބޮޑު އަސަރެއް ރަޝިޔާއަށް ނުކުރާނެ ކަމަށް މުޙައްލިލުން ދެކެ އެވެ. (ނޫސްއެޖެންސީތައް)