08 Mar 2014, 10:41
ކެމްޕޭންކުރަން ރަށްތަކަށްދާ ކެންޑިޑޭޓުން ރަށްތަކަށް އެރިޔަނުދީ ކެމްޕޭންކުރުމަށް ހުރަސް އަޅަމުންދާތީ އެފަދަ ކަންކަން ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
ފުލުހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ މި މަހު 22 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުން މަޖިލިސް އިންތިހާބުގައި އެކި ދާއިރާތަކަށްވާ ދަކުރައްވާ ކެންޑިޑޭޓުން އެބޭފުޅުން ކުރިމަތި ލައްވާފައިވާ ދާއިރާގެ ރަށްރަށަށް ކެމްޕޭނަށް ވަޑައިގަތުމުން ބައެއް ރަށްރަށަށް އެރިޔަނުދީ ހުރަސް އަޅަމުން ދާކަމުގެ ޝަކުވާ ހުށައެޅެމުންދާ ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ އެއް ރަށުން އަނެއްރަށަށް ދަތުރުފަތުރުކޮށް އުޅުމާއި ހިޔާލު ފާޅުކޮށް ޝުއޫރު ފާޅުކުރުމުގެ މިނިވަން ކަމަކީ ގާނޫނު އަސާސީން ލިބިދީފައިވާ ހައްގެއް ކަމަށާއި އިންތިހާބުތަކާ ބެހޭ ގާނޫނުން ކެމްޕޭން ކުރުމަށް ކެންޑިޑޭޓުންނަށް ހުރަސްއެޅުމަކީ ގާނޫނީ ކުށެއް ކަމަށެވެ.
އެހެންކަމުން ނިމިދިޔަ ރިޔާސީ އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބެކޭ އެއްފަދައިން ރައްޔިތުން މަޖިލިސް އިންތިހާބަކީ ވެސް އަމާން އިންތިހާބަކަށް ހަދައި އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޓޭޓުންނާއި ކެންޑިޓޭޓުންގެ މަންދޫބުންނާއި ތާޢީދުކުރައްވާ ފަރާތްތަކުގެ އިތުރުން ސިޔާސީ ޕާޓީތަކާ ޖުމްލަކޮށް ހުރިހާ ފަރާތްތަކުން ވެސް ރަށްރަށުގެ މަޞްލަޙަތު ނުގެއްލޭނެހެން ކެމްޕޭންގެ ޙަރަކާތްތައް ކުރިޔަށް ގެންދިއުމަށް ފުލުހުން ވަނީ އެދިފަ އެވެ.