މަސައްކަތް ކުރަން ޖެހޭ ދުވަހެއް ކުރިއަށް އޮތަސް އޭނާ ނިދާނީ އެންމެ އަވަހަށް ވެސް މެންދަމު 12ގެ ފަހުންނެވެ. ނިދިވެސް ހަމައަށް ނުލިބި ހޭލާ އިރު މަސައްކަތަށް ދާން ޖެހޭ ގަޑި އޮންނާނީ ކުޑަތަން ވެފަ އެވެ. ގެއިން ސައިބޯކަށް ދެން ވަގުތެއް ނޯވެ އެވެ. ގޭގައި ސައިހަދާފައި ހުއްޓަސް އެހިސާބުން ދާން ޖެހެނީ ސައި ވެސް ނުބޮ އެވެ. ހިނގާލާފައި ދެވޭކަށް ވެސް ދެން އެހިސާބުން ނޯވެ އެވެ. މޮޓޯ ސައިކަލެއް ހޯދަން ޖެހުނީ އެހިސާބުންނެވެ.

ހެނދުނު މަސައްކަތް ފަށަން ޖެހެނީ ސައި ނުބޮ އެވެ. ދެން ވަގުތެއް ވީމާ ކޮންމެވެސް ތަނަކަށް ވަދެ، ސައިބޮވޭ އިރު ހުންނަނީ މެންދުރުވާން ކައިރިވެފަ އެވެ. އެހެންވީމާ މެންދުރުގެ ކެއުން އޮންނީ ހަވީރު އެވެ. ނުވިތާކަށް އެދެއިރު ވެސް އޭނާ ކެއީ ގިނައިން ތެޔޮ އަޅާފައި ހުރި ތައްޔާރީ ކާނާ އެވެ. އެހެން އުޅުމަށް ފަހު ގެއަށް އަންނަ އިރު ހުންނަނީ ވަރުބަލިވެގެން ގޮސް ހަލާކުވާ ވަރު ވެފަ އެވެ.

މިއީ އެންމެ މީހެއްގެ ވާހަކައެއް ނޫނެވެ. ވަކިމީހެއްގެ ވާހަކައެއް ވެސް ނޫނެވެ. ދިވެހި ގިނަ ޒުވާނުންނަށް މިއީ އެމީހުންގެ ވާހަކަ ކަމަށް އަމިއްލައަށް ވެސް ބުނެވޭނެ އެވެ. ދިވެހިންގެ، ހާއްސަކޮށް ، ވެރިރަށް މާލޭގައި އުޅޭ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި މިހާރު ހުރީ މިހެންނެވެ.

ދިރިއުޅުމުގެ މި ވައްޓަފާޅީގައި ހުރި މައްސަލަތަކަކީ ކޮބައިތޯ އެވެ؟

ފުރަތަމަ ކަމަކީ ދަންވަންދެން ހޭލާ އުޅުމުގެ ސަބަބުން ހަމަ ނިދި ނުލިބުމެވެ. ދެވަނަ ކަމަކީ ވެހިކަލެއްގައި އުޅޭތީ ހަރަކާތްތެރިކަމެއް ނެތުމެވެ. ތިން ވަނަ ކަމަކަށް ކެއިން ބުއިން އެވަނީ ސިއްހަތަށް ގެއްލުން ހުރި ގޮތަކަށެވެ. އެއީ ގަޑިގަޑިއަށް ނުކެއުމާއި ސިއްހަތަށް ފައިދާއެއް ނެތް ކާނާ ކެއުމެވެ.

ކެއިން ބުއިމާ ބެހޭ ގޮތުން ޒުވާނަކާ ސުވާލުކޮށްލީމެވެ. ސައިހޮޓާ ރެސްޓޯރެންޓްތަކާއި ކެފޭތަކުން ތައްޔާރީ ކާނާތައް ކަނީ ސިއްހަތަށް ފައިދާ ހުރި ކާނާ އަށް ވުރެ އަގުބޮޑުވީމާތޯ އެހީމެވެ.

"... އަސްލު ހަގީގަތުގައި ފައިދާ ހުރި ކާނާ ވެސް ކެވޭނެ، ތައްޔާރީ ކާނާއަށް ކުރާ ހަރަދުން. ފަހަރެއްގައި އަގު ހެޔޮވެސް ވެދާނެ. މިސާލަކަށް ހޮޓަލަކަށް ވަދެ، ހެދިކާތަކެއް ކާހާ ފައިސާއިން އޮރެންޖާ، އާފަލާ، ދެން އަނެއް ހެން ބުނަންޏާ ތަރުކާރީއާ މޭވާ ވެސް ކެވިދާނެ،" އުމުރުން 34 އަހަރުގެ އިބާދުﷲ ބުންޏެވެ.

ސައިކަލުގައި އުޅެނީ ކީއްވެތޯ އެހީމާ އޭނާ ދިނީ ހީކުރި ކަހަލަ ޖަވާބެއް ނޫނެވެ. އޭނާ ބުނީ "އެއީ ދެން ހަމަ ކަންނެތް ކަމުން" ކަމަށެވެ.

އުމުރުން 22 އަހަރުގެ ހުސައިން ހަސަން ބުނީ އޭނާ ސައިކަލް ދުއްވަން ފަށަން ޖެހުނީ "ސައިކަލާ ހެދި" ކަމަށެވެ.

"އަހަރެން ގާތްގަނޑަކަށް ދެމަސް ދުވަސް ވަންދެން ބައިސްކަލުގައި އޮފީހަށް ދިޔައިން. އެކަމަކު ސައިކަލްތައް ގިނަކަމުން ބައިސްކަލް ދުއްވުންވީ ވަރަށް ދަތި އުނދަގޫ، އަދި ބިރުވެރި ކަމަކަށް. އެހެންވެ އެންމެ ފަހުން އަހަރެން ވެސް ސައިކަލެއް ނެގީ. އެހެންވީމާ އަހަރެން ބުނާނީ ސައިކަލް ދުއްވަން ޖެހުނީ ސައިކަލާ ހެދިއޭ،" އޭނާ ބުންޏެވެ.

ކޮންމެ ސަބަބަކާ ހެދި ނަމަވެސް ގިނަ ބަޔަކު އުޅެނީ ވެހިކަލް ތަކުގަ އެވެ. ވެރިރަށް މާލޭގެ މަގުތަކަށް ބަލާލުމުން މިކަން އެނގެ އެވެ. މާލެ އެކަންޏެއް ނޫނެވެ. އަތޮޅުތަކުގެ ވަރަށް ކުދި ކުދި ރަށްތަކުގައި ވެސް ސައިކަލާއި ކާރު ދުއްވަ އެވެ. ހަރަކާތްތެރިކަން މިޖީލުން ވަނީ މުޅިން ނެތިފަ އެވެ.

ހަރަކާތްތެރިކަން ނެތްތަން ފޫބައްދަން ދެން ކުރަން އޮތް ކަމަކީ ކަސްރަތެވެ. ނަމަވެސް އެކަމަށް ވެސް މާބޮޑު ތަރުހީބެއް ނެތެވެ.

ގިނަ ބަޔަކު ދަންނަ ، އަދި އެތައް އަހަރެއްގެ ތަޖުރިބާ ހުރި ފިޓްނަސް އިންސްޓްރަކްޓަރު އަދި މަޝްހޫރު ބޮޑީ ބިލްޑަރު ޖޭމް އައްލޯ ބުނީ ފިޓްނަސްގެ އެކި ކަންތައްތަކާ މެދު މީހުންގެ ހޭލުންތެރިކަން ކުޑަ ކަމަށެވެ.

" ... ގިނަ މީހުންނަށް ވާގޮތަކީ ވެއިޓް ޓްރޭނިން އޭ ބުނީމާ ހިތުތެރޭގައި ބިރުވެރިކަމެއް އުފެދެނީ، އެ އުފުލީމާ ދެން ވަރަށް ވަރުގަދަވެގެން ގޮސް ވަރަށް ބިޔަވެގެން ދާނެ ކަމަށް ހީކުރަނީ. އެވާ ގޮތަކީ އަންނަ ކްލަޔަންޓަށް ދޭން ވާ ވަރަށް މައުލޫމާތު ދޭން ހުންނަ އިންސްޓްރަކްޓަރަށް ވެސް ނޭނގެނީ،" ޖިމްތަކަށް ދާ މީހުންގެ އަދަދު މަދުވާ ސަބަބުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އޭނާ ބުންޏެވެ.

އޭނާ ބުނީ ގިނަ ފިޓްނަސް ސެންޓަރުތައް ހިނގަމުން އަންނަނީ ވެސް މާބޮޑަށް ވިޔަފާރިއަށް ކަމަށް ވުމަކީ ވެސް މީހުންގެ ތަރުހީބު ކުޑަވާ ސަބަބެއް ކަމަށެވެ.

" ... ހަމަ ގިނަ ފިޓްނަސް ސެންޓަރުތަކުގައި ހަމަ ބޮޑަށް ބަލަނީ ރިޒަލްޓަށް ވުރެ ބޮޑަށް އެމީހުން އަތުން ލާރި އެމީހުން އަތުން ހޯދޭތޯ. ކްލަޔަންޓު އަތުން ބޮޑު ޕޭމަންޓެއް ނެގޭތޯ،" އައްލޯ ބުންޏެވެ.

އޭނާ ބުނީ ޖިމްތަކުގެ އަގު ބޮޑުކަމުން ނުދެވިފައި ތިބި އެތައް ބަޔަކު އެބަތި ކަމަށެވެ.

" ... ކުރާ ހިތްވާ ބައިވަރު މީހުން ނުކޮށް ވެސް އެބަތިބި، މިހާރު މިހުންނަ އާދައިގެ ޖިމްއަކަށް ވެސް ޖޮއިން ކޮށްލަން ފުރަތަމަ ވެސް 1500 ވަރަކަށް ރުފިޔާ އެބަ ދައްކަން ޖެހޭ،" އޭނާ ބުންޏެވެ.

އޭނާ ބުނީ ފިޓްނަސްއާ މެދު ހޭލުންތެރިކަން އިތުރުކުރަން ސަރުކާރުތަކުން ވެސް މަސައްކަތް ނުކުރާ ކަމަށާއި އެންޖީއޯތަކުން ވެސް ނުކުރާ ކަމަށެވެ. ހޭލުންތެރި ކުރުވަން ކުޑަކޮށް ވެސް މަސައްކަތް ކުރާ ނަމަ ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދު އަންނާނެ ކަމަށް އޭނާ ދެކެއެވެ.

"... ޒުވާނުންގެ ލައިފްސްޓައިލް ހަމަ އެއްގޮތަކަށް ވެސް ކޮލިޓީއެއް ނޫން ހަމަ. އެމީހުން ބޮޑަށް ހަމަ މިވަގުތު ހޭދަކުރަނީ ރެސްޓޯރެންޓްތަކުގައި ކޮފީއެއް ނޫނިއްޔާ ރެޑްބުލްއެއް ބޯލާ ދެން ސިނގިރެޓެއް ބޯލުމަށް، އެވެއާ ކުރެވިއްޖެއްޔާ އެމީހުން ވެސް ލައިފްސްޓައިލް ބަދަލުކޮށް، މަސައްކަތެއްގެ ތެރެއަށް ވެސް ވެއްދޭގޮތްވާނެ. އެކަންތައްތައް ކުރެވޭނީ ހަމަ ސަރުކާރުން ކުރީމާ،" އޭނާ ބުންޏެވެ.

އޭނާ ބުނީ ފިޓްނަސްއާ މެދު ހޭލުންތެރިކުރުވަން ޖަމިއްޔާ، ޖަމާއަތްތަކުން ވެސް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމަށެވެ.


ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި މިހެން ހުރުމުގެ އަގު އިންތިހާއަށް ބޮޑެވެ.

ހިތުގެ ބައްޔާއި ހަކުރު ބައްޔާއި ލޭމައްޗަށް ދިއުން ފަދަ، ގައިން ގަޔަށް ނާރާ ބަލިތަކުގައި މުޅި ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގައި ނިސްބަތުން އެންމެ ގިނަ ބަޔަކު މަރުވާ ގައުމަކީ ރާއްޖެ އެވެ. މިއީ ބިލިޔަނަކަށް ވުރެ އާބާދީ ބޮޑު އިންޑިއާ ފަދަ ގައުމުތައް ހިމެނޭ ސަރަހައްދެވެ.

" ... އަޅުގަނޑަށް ފާހަގަވީ ގައިން ގަޔަށް ނާރާ ބަލިތަކުގެ ސަބަބުން މަރުވާ މީހުންގެ އަދަދު. ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ގައިންގަޔަށް ނާރާ ބަލިތަކުގައި މީހުން މަރުވާ ރޭޓު އެންމެ މަތީ ރާއްޖޭގައި. މިއީ ވަރަށް ފަރުވާތެރިކަމާ އެކު ބަލަން ޖެހޭ ކަމެއް. އެކަން އެހެން އެވަނީ ކީއްވެތޯ؟ ގިނަ ސަބަބުތަކެއް އެބަހުރި. ކުރިން ވެސް އަޅުގަނޑު ދެންނެވި ފަދައިން ވެހިކަލްތައް ވަނީ ގިނަވެފައި. ކުރިން އުޅުނު ގޮތަށް ހިނގާފައި އުޅުން މީހުން ވަނީ ދޫކޮށްލާފައި. ގައިންގަޔަށް ނާރާ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވާ ހަތަރު ކަމެއްވޭ. އެއް ކަމަކީ ބަނގުރާ ބުއިން. ދެވަނަ ކަމަކީ ދުންފަތުގެ އިސްތިއުމާލު ކުރުން. ތިންވަނަކަމަކީ ސިއްހީ ގޮތުން ރަނގަޅު ނޫން ކާނާ ބޭނުންކުރުން. ހަތަރުވަނަ ކަމަކީ ކަސްރަތު ނުކުރުން،" ދާދިފަހުން ރާޖެއަށް ޒިޔާރަތް ކުރެއްވި ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ދެކުނުއިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖަނަލް ޑައިރެކްޓަރު ޑރ. ޕޫނަމް ކެތުރަޕާލް ސިންގް ވިދާޅުވި އެވެ.

ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލެއް ގެންނަވަން އަވަހަށް ވިސްނަވާށެވެ. އަވަހަށް ވަޑައިގެން ކަސްރަތު ކުރައްވަން ފައްޓަވާށެވެ. ކެއިން ބުއިމުގެ އާދަކާދަޔަށް ބަދަލު ގެންނަވާށެވެ. އެހެން ނޫނީ ތިޔަ ތިއްބެވެނީ ހިތުގެ ބަލިތަކާއި ލޭމައްޗަށް ދިއުމާއި އާދަޔާ ހިލާފަށް ފަލަވުން ( އޮބޭސިޓީ) ފަދަ އެތައް ކަމަކަށް ހުށަހޮޅިފަ އެވެ. ތިޔަ ތިއްބެވެނީ ނުރައްކަލުގެ ތެރޭގަ އެވެ.