އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ދައުވާ ސާބިތުވެ، މެލޭޝިއާގެ އިދިކޮޅު ލީޑަރު އަންވަރު އިބްރާހިމް ފަސް އަހަރަށް ޖަލަށް ލުމަށް އެ ގައުމުގެ ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މީގެ ކުރިން އަންވަރު އިބްރާހިމް އަށް ދައުވާ ކުރި ނަމަވެސް، އޭނާ އޭރު ވަނީ އެކަމުން ސަލާމަތްވެފަ އެވެ. ނިމިގެން ދިޔަ އަހަރު މެލޭޝިއާގެ އާންމު އިންތިހާބުން އަންވަރު ނާކާމިޔާބުވީ ކުޑަ ތަފާތަކުންނެވެ. އެއީ މެލޭޝިއާގެ އާންމު އިންތިހާބުގެ ތާރީހުގެ އިދިކޮޅު ފަރާތަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ.

އެއް ޖިންސުން ގުޅުން ހިންގުމަކީ މުސްލިމުންގެ މެޖޯރިޓީ އޮތް މެލޭޝިއާގެ ގާނޫނު ހުއްދަކުރާ ކަމަކަށް ނުވާއިރު، އެއް ޖިންސުން ގުޅުން ހިންގައިގެން ހުކުމްކޮށްފައި ވަނީ ވެސް މަދު މީހަކަށެވެ. މި ހުކުމާ ގުޅިގެން މި މަހު މެލޭޝިއާގެ ސެލަންގޯ ސްޓޭޓުގެ އިންތިހާބުގައި އަންވަރަށް ބައިވެރިވެވިދާނެ ކަމުގެ ސުވާލު ވަނީ އުފެދިފަ އެވެ.

މިކަމަކީ ކެމްޕޭނާއި އިންތިހާބުގައި ބައިވެރިވާތީ ސަރުކާރު ފަހަތުގައި އޮވެގެން ކުރި ހުކުމެއް ކަމުގައި އަންވަރު ގެންދަވަނީ ވިދާޅުވަމުންނެވެ.

"އަނެއްކާ ވެސް ފަނަރަ އަހަރު ފަހުން، އެމީހުން އެ އުޅެނީ ޖަލުގެ ތޭރިތަކުގެ ތެރޭގައި އަހަރެން ބަންދުކުރަން. އެމީހުން އެކަން އަވަސް އަރުވާލައިގެން އެ އުޅެނީ ކީތްވެގެން ކަން އެންމެންނަށް ވެސް އެނގޭނެ." އަންވަރު ބުންޏެވެ.