07 Mar 2014, 17:38
ރާއްޖެއިން ފެނިފައިވާ ދުނިޔެއިން ނެތި ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ޖަނަވާރެއް ކަމަށްވާ "ސްލޯ ލޮރިސް" އަށް ހިމާޔަތްދީގެން ބަލަހައްޓަން ޔޫރަޕްގެ ގައުމަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.
ފުލުހުން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މި އަހަރުގެ ޖެނުއަރީ މަހު ހިންގި އޮޕަރޭޝަނެއްގައި މ. ޒިލިއަންގެ އިން ފެނުނު ސްލޯ ލޮރިސް ކާންދީ ބަލަހައްޓަނީ ފުލުހުންނެވެ. ފުލުހުން އެކަން ކުރާތާ މިހާރު 46 ދުވަސް ވެއްޖެ އެވެ.
އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް "ސަން"އަށް މިއަދު ވިދާޅުވީ ރާއްޖެ ބައިވެރިވެފައިވާ ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖާޑް ސްޕީޝީޒް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ (ސައިޓީސް)ގެ ދަށުން، "ސްލޯ ލޮރިސް"އަކީ ހިމާޔަތްކޮށްފައިވާ ޖަނަވާރެއް ކަމަށެވެ.
ރާއްޖޭގެ މާހައުލުގައި ނޫޅޭ ޖަނަވާރެއް ރާއްޖެ އިން ފެނުމުން، އެއާމެދު އަމަލު ކުރާނެ ގޮތަކާ ބެހޭ ގޮތުން ސައިޓީސްގެ މައި އިދާރާއާ މަޝްވަރާކޮށްފައިވާ ކަމަށް ނައީމް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ އިދާރާ މެދުވެރިވެގެން "ސްލޯ ލޮރިސް"އަށް ހިމާޔަތްދީ އެ ގެންގުޅުމުގެ ތަމްރީނު ލިބިފައިވާ ބަޔަކު ހޯދާފައިވާ ކަމަށެވެ.
"ޔޫރަޕްގެ ގައުމަކުން އެ ގެންގުޅުމުގެ ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ. އެ މީހުންނަކީ އެ ގެންގުޅުމުގެ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ބައެއް. އެ މީހުންގެ އިތުރުން އެހެން ގައުމެއްގެ ބަޔަކު ވެސް ޝައުގުވެރިކަން ފާޅު ކުރި،" އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް ވިދާޅުވި އެވެ.
ނައީމް ވިދާޅުވި ގޮތުގައި ޖަނަވާރު ސްމަގުލްކޮށް، ވިޔަފާރި ކުރުމުގެ ތެރެއިން ރާއްޖޭގެ މާހައުލާ ނުގެޅޭ އެތައް ޖަނަވާރެއް ފުލުހުން ހޯދާފައިވާ ކަމަށެވެ. އެގޮތުން ފުލުހުން އަތުލައިގަންނަ ހަރުފަ އާއި އެހެނިހެން ނުރައްކާތެރި ޖަނަވާރު މަރާލުމުގެ ބަދަލުގައި ރާއްޖެއިން ބޭރަށް ފޮނުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެތަކެތި އުފުލުމަށް ބައެއް އެއާލައިންތަކުން ދެކޮޅު ހަދާތީ، އެތަކެތި ރާއްޖެއިން ބޭރު ކުރުމަށް ހުރަސްތަކެއް އެޅިފައިވާ ކަމަށް ނައީމް ވިދާޅުވި އެވެ.
"ޖަނަވާރުތަކުގެ ހައްގުތައް ވެސް މިހާރު މިއުޅެނީ ވަރަށް މަތީގައި. ޒުލެއް ހަދަން ޖެހިއްޖެނަމަ އެބަޖެހޭ އެ ޖަނަވާރެއްގެ އަސްލު މާހަލާ އެއްގޮތަށް އެކަން ކުރަން. ރާއްޖެއަކު އެކަން ކުރެވޭނެ ކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން،" ނައީމް ވިދާޅުވި އެވެ.
ދުނިޔެއިން ނެތިގެންދާނެ ކަމުގެ ބިރު ހީވެފައިވާ 33،000 އަށް ވުރެ ގިނަ ޖަނަވާރާއި ދޫނި ސޫފާސޫފީ ހިމާޔަތް ކުރުމުގެ މުއާހަދާ، ސައިޓީސްގައި ރާއްޖެ ބައިވެރިވުމަށް މަޖިލީހުން ރުހުން ދިނީ އޮގަސްޓް 8، 2012 ގަ އެވެ.
ނެތިިދިއުމުގެ ބިރު ހީވެފައިވާ ދިރޭތަކެތި އިމްޕޯޓް ކުރުމާއި އެކްސްޕޯޓްކޮށް، ވިޔަފާރި ކުރުން މަނާކުރާ މުއާހަދާ ސައިޓީސްގެ މެމްބަރުކަން ރާއްޖެ އަށް ލިބުނީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.