އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ނަސްލީ އިމްތިޔާޒާއި ތަފާތުކުރުމުގެ ލާއިންސާނީ ޢަމަލުތައް ރާވައިގެން ހިންގަމުން ގެންދާކަން މިހަފްތާގައި ނެރުނު އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ ރިޕޯޓެއް ބުނެފި އެވެ. އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ހިޔުމަން ރައިޓްސް ވޮޗް ޖަމާޢަތުން ނެރުނު މިރިޕޯޓް ގައިވާގޮތުން އިސްރާއީލު ގެންދަނީ ހިފާފައިވާ ހުޅަނގުއައްސޭރީގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން އަޅުވެތިކޮށް ކަރަންޓާއި ފެނާއި ސިއްޙަތާއި ތަޢްލީމްފަދަ އިންސާނީ އަސާސީ ޚިދްމަތްތަކުން އެމީހުން މަޙްރޫމްކޮށް އަމިއްލަ ވަޒަން ދޫކޮށް ދިޔުމަށް މަޖްބޫރުކުރުވާފަދަ އިންސާނިއްޔަތާ ޚިލާފް ޢަމަލުތައް ހިންގަމުންނެވެ. ނިޔުޔޯކްގައި މަރުކަޒު ހުންނަ އެމެރިކާގެ ހިޔުމަން ރައިޓްސް ވޮޗްއިން މިރިޕޯޓް ތައްޔާރުކޮށްފައިވަނީ ފަލަސްތީނުގެ ރައްޔިތުންނާމެދު އިސްރާއީލުން ގެންގުޅޭ ނަސްލީ އިމްތިޔާޒުގެ އުސޫލުތަކާއި އަނިޔާވެރި ގޮތްތައް ބަލައި ސަރވޭ ކުރުމަށްފަހުގައި ކަމަށް 166 ސަފްޙާގެ މައްޗަށް އެކުލެވޭ މިރިޕޯޓް ބުނެ އެވެ.


ހުޅަނގު އައްސޭރިއަކީ 1967 ގެ ހަނގުރާމައިގާ އިސްރާއީލުން ހިފި ފަލަސްތީނުގެ ބިންތަކުގެ ތެރޭން އެންމެ ބޮޑު ބިމެވެ. ހުޅަނގު އައްސޭރީގެ ބިންތަކަކީ އެބިންތަކުން ފޭބުމަށް އދ.ގެ ޤަރާރުތަކުގައި އިސްރާއީލަށް ގޮވާލާފައިވާ ބިންތަކެކެވެ. އދ. އާއި މުޅި ބައިނަލްއަޤްވާމީ މުޖްތަމަޢުންވެސް ދެކެނީ ހުޅަނގު އައްސޭރިއަކީ މުސްތަޤްބަލްގައި ޤާއިމްކުރެވޭ ފަލަސްތީނުގެ މިނިވަން ދައުލަތް ބިނާކުރާންއޮތް ބިމުގެ ގޮތުގަ އެވެ. ހުޅަނގު އައްސޭރީގެ އިތުރުން 1967 ގެ ހަނގުރާމައިގާ އިސްރާއީލު ހިފި ފަލަސްތީނުގެ އަނެއް ބިމަކީ ޣައްޒާއެވެ. ހުޅަނގު އައްސޭރީގެ މަދު ސަރަޙައްދަކުން އިސްރާއީލު ފާބައި އެސަރަޙައްދުތަކުގައި ފަލަސްތީނުގެ ޒާތީ އިދާރާގެ ވެރިކަން ހިނގަމުން ދިޔަނަމަވެސް މިއީވެސް މިނިވަންވެފައިވާ ސަރަޙައްދުތަކެއްނޫނެވެ. އިސްރާއީލު ބޭނުންވާ ވަގުތަކު މިސަރަޙައްދުތަކަށް ސިފައިން ފޮނުވައި ހައްޔަރުކުރާން ބޭނުންބަޔަކު ހައްޔަރުކުރެއެވެ. އަދި މުޅި ހުޅަނގު އައްސޭރިވަނީ އިސްރާއީލުގެ ޢަސްކަރީ ކޮންޓްރޯލްގެ ދަށުގައެވެ.


ހުޅަނގު އައްސޭރީގައި އިސްރާއީލު ހިންގަމުންގެންދާ އެންމެ ނުރައްކާތެރި ޢަމަލަކީ ދުނިޔޭގެ އެހެން ޤައުމުތަކުން ޔަހޫދީން ގެނަސްގެން  އދ. ގެ ޤަރާރުތަކާއި ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ވަޒަންވެރި ކުރުވުމުގެ އިސްތިޢްމާރީ ޙަރަކާތެކެވެ. ބޭނުމަކީ ހުޅަނގު އައްސޭރީގެ ބިމުގެ ބޮޑުބައެއް ޔަހޫދީ ބިންތަކަށް ހެދުމެވެ. ފަލަސްތީނުގެ ދައުލަތެއް އުފައްދަންޖެހުނު ނަމަވެސް އެފަދަ ދައުލަތެއް ޢަމަލީގޮތުން އުފައްދާނެ ބިންކޮޅެއް ނުބޭއްވުމެވެ. ހުޅަނގު އައްސޭރީގެ ބައެއް ކަމަށްވާ އިރުމަތީ ޤުދްސަކީ 1983 ވަނަ އަހަރު އިސްރާއީލުގެ ބިމެއްގެ ގޮތުގައި އިޢްލާން ކޮށްފައިވާ ބިމެކެވެ. ހުޅަނގު އައްސޭރީގައި ބިނާކޮށްފައިވާ ޔަހޫދީ އަވަށްތަކުގެ ތެރޭން އެއްވެސް އަވަށަކުން ދުވަހަކުވެސް ނުފައިބާނެ ކަމަށާއި މިތަންތަން ވެގެންދާނީ އިސްރާއީލުގެ ތަންތަނުގެ ގޮތުގައި ކަމަށް ފާޅުގައި އިސްރާއީލު ބުނެ އެވެ. ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުންނާމެދު އިސްރާއީލު މުޢާމަލާތް ކުރަމުންގެންދާ ލާއިންސާނީ ގޮތްތަކާބެހޭގޮތުން ނެރެފައިވާ މިރިޕޯޓް ބުނެފައިވަނީ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާމެދު ނަސްލީ އިމްތިޔާޒާއި ތަފާތުކުރުންތައް ފުޅާދާއިރާއެއްގައި ގެންގުޅޭކަމުގަ އެވެ. ހުޅަނގު އައްސޭރީގެ އަސްލު ވަޒަންވެރިން ކަމަށްވާ ފަލަސްތީނު މީހުން ކަރަންޓާއި ސާފުބޯފެނާއި ސިއްޙަތާއި ތަޢްލީމްފަދަ ދިރިއުޅުމުގެ އަސާސީ ވަސީލަތްތަކުން މަޙްރޫމްކޮށް އިސްރާއީލުން އެމީހުން އަޅުވެތިކޮށް ނިކަމެތި ކުރަމުން ގެންދާއިރު އަނެއްކޮޅުން އިސްރާއީލު ގެންދަނީ ހުޅަނގު އައްސޭރީގެ ބިންތަކަށް ޔަހޫދީންގެނަސް އެމީހުންނަށް ގެދޮރު އަޅައިދީ ވަޒަންވެރި ކުރުވައި އެމީހުންނަށް އަރާމާއި އުފަލާއި މުއްސަނދި ދިރިއުޅުން ހޯދައިދެމުން ކަމަށް މިރިޕޯޓް ބުނެއެވެ.


 އިސްރާއީލުން ހުޅަނގު އައްސޭރީގައި ވަޒަންވެރި ކުރުވާފައިތިބޭ އެކި ޤައުމުތަކުގެ ޔަހޫދީންނަކީ ޔަހޫދީ އިސްތިޢްމާރީ ބައިގަނޑެއް ކަމަށްވާ ޒަޔަނިޒަމަށް ނިސްބަތްވާ ހަރުކަށި އަނިޔާވެރި ބަޔެކެވެ. އެމީހުން ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެރިވަނީ އެއީ ޔަހޫދީންގެ ބިންތަކެއް ކަމަށް ބުނާ ޒަޔަނިސްޓް ފަލްސަފާއަށް ތަބާވެގެންނެވެ. އެމީހުން ފަލަސްތީނު މީހުންގެ ގެދޮރަށާއި ދަނޑުތަކަށާއި މުދަލަށް ޙަމަލާދީ ބޮިޑެތި ގެއްލުންތައްދެއެވެ. ފަލަސްތީނުގެ މީހުންނަށް ޖެއްސުންކޮށް މާރާމާރީ ހިންގައި އަދި މީހުންމެރުންފަދަ ބޮޑެތި ޖަރީމާތައް ހިންގައި އެމީހުންގެ ކާރުތަކުންނާއި ވެހިކަލްތަކުން ފަލަސްތީނު މީހުންގެ ގައިގާ ޖައްސައި އެކްސިޑެންޓްކޮށް ޖިސްމާނީ ބޮޑެތި ގެއްލުންތައް ދެމުންގެންދެއެވެ. ބަޑިން ޙަމަލާދީ ފަލަސްތީނުގެ ކުޑަކުދިން މަރަ އެވެ. ފަލަސްތީނުގެ ދަނޑުތައް އަންދައި ގެދޮރަށް ޕެޓްރޯލްއަޅައި ހުޅުޖަހައި ހަދަ އެވެ. ނަމަވެސް މިފަދަ ޖަރީމާތައް ހިންގާ ޔަހޫދީ ވަޒަންވެރިން ޢަދާލަތަށް ޙާޒިރުކޮށް އަދަބު ދެވޭގޮތެއް ނޯވެ އެވެ. އަދި އަދަބު ދިނުމުގެ ބަދަލުގައި އެމީހުންގެ ޙިމާޔަތާއި ދިފާޢުގައި އިސްރާއީލު ތެދުވާ ކަމަށް ހިޔުމަން ރައިޓްސް ވޮޗްގެ ރިޕޯޓް ބުނެ އެވެ. ވަޒަންވެރިން މިފަދަ ޖަރީމާތައް ހިންގަނީ އިސްރާއީލު ސިފައިންގެ މަދަދު ލިބިގެންކަންވެސް ފާހަގަކޮށްފައިވެ އެވެ.


މިރިޕޯޓްގައި ފާހަގަ ކޮށްފައިވާ އަނެއްކަމަކީ ހުޅަނގު އައްސޭރީގެ ބައެއް ވިލެޖްތަކުގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުން ސިއްޙީ އަދި ތަޢްލީމީ އަސާސީ ޚިދްމަތްތަކުން މަޙްރޫމް ކުރުމުގެ އިތުރުން އެފަދަ ވިލެޖްތަކަށް ދެވޭނެ މަގުތައް ނެތުމުގެ ސަބަބުން ރަށުބަންދުގައި އެމީހުން ތިބެންޖެހުމެވެ. ފަލަސްތީނުގެ ވިލެޖްތައް ތަރައްޤީކުރުމަށް އެއްވެސް ވަރަކަށް މަސައްކަތް ނުކުރާއިރު ބޭރުންގެނަސްފައިވާ ޔަހޫދީން ވަޒަންވެރިން ވަޒަންވެރިކޮށްފައިވާ އަވަށްތަކުގައި އިސްރާއީލުން ޒަމާނީ އިންފްރާސްޓްރަކްޗަރ ބިނާކޮށް ޒަމާނީ ފަސޭހަތައް ޤާއިމްކުރަމުން ގެންދާކަމަށް މިރިޕޯޓް ބުނެ އެވެ. ފަލަސްތީނުގެ އިތުރުވާ އާބާދީއަށް ގެދޮރު އަޅާނެބިންކޮޅެއް ނުދޭއިރު ޔަހޫދީންގެ އާބާދީ އިތުރުވަމުންދާ ވަރަކަށް އެމީހުންނަށް ބިމާއި ގެދޮރު އިސްރާއީލުން ހިލޭ ފޯރުކޮށްދެ އެވެ. ހުޅަނގު އައްސޭރިއަކީ އިސްރާއީލުން ހިފާފައިވާ ބިމަކަށްވާތީ މިސަރަޙައްދު ތަރައްޤީ ކުރުމުގެ އެއްވެސް ފުރްސަތެއް ފަލަސްތީނުގެ ޒާތީއިދާރާއަކަށް ނުލިބެ އެވެ.


 އިސްރާއީލުގެ ވެރިންނާއި ހުޅަނގުން ދެކޭގޮތުގައި އިސްރާއީލަކީ ދިމުޤްރާތީ ޤައުމެކެވެ. އިސްރާއީލުން އަބަދުވެސް ކަންތައްތައް ކުރާނީ ރަނގަޅަށެވެ. ނަމަވެސް މަންޒަރުބަލާ ބަޔަކަށް އިސްރާއީލު ފެންނަނީ ހިޓްލަރުގެ ނާޒީ ޕާޓީން ގެންގުޅުނުފަދަ ނަސްލީ އިމްތިޔާޒު ގެންގުޅޭ އިސްތިޢްމާރީ ޤައުމެއްގެ ގޮތުގަ އެވެ. ފަލަސްތީނުގެ ރައްޔިތުން ކޮންމެ ދުވަހަކު ޝަހީދުކޮށް ބޮޑެތި އަނިޔާތައް ހިންގަމުންގެންދާ އަދި ބައިނަލްއަޤްވާމީ ޤާނޫނީ އިންތަކުން ބޭރުވެގަނެގެންއުޅޭ ނުކިޔަމަންތެރި ޤައުމެއްގެ ގޮތުގަ އެވެ. އިސްރާއީލަކީ އަވަށްޓެރި ޤައުމުތަކަށް އިސްވެ ޙަމަލާދީ ހަނގުރާމަތައްކޮށް ޢާންމުންނާ ދެކޮޅަށް ޤަތްލު ޢާންމުތައް ހިންގައި ފަނާކުރަނިވި ހަތިޔާރު އުފައްދައި އެއިން އަވަށްޓެރި ޤައުމުތަކަށް ބިރުދައްކަމުން ގެންދާ ޒަޔަނިސްޓް ޤައުމެކެވެ.