ޝަހީދު އަލީ މިސްކިތުގައި ހުކުރު ނަމާދު ކުރެއްވި ޚަތީބު ގަމަތްދީ ނިމުމުން އެ މިސްކިތަށް މައިކެއް ހަދިޔާ ކުރުމަށް ގޮވާލައްވައިފި އެވެ.

ހުކުރު ޚުތުބާ ވިދާޅުވުމަށް ފަހު ގަމަތްދީ ނިމުމުން ޚަތީބު ވިދާޅުވީ އެ މިސްކިތުގެ މައިކުގައި މައްސަލަ ޖެހިފައިވާތީ އެކަން ހައްލުކޮށްދިނުމަށް މިދިޔަ އަހަރު މާލޭ ސިޓީ ކައުންސިލްގައި އޭނާ އެދިފައިވާނެ ކަމަށެވެ. ނަމަވެސް މިއަދާ ހަމަ އަށް ވެސް އެކަން ހައްލުކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މައްސަލަ ޖެހިފައިވާތީ މައިކުގައި ހުރީ ޓޭޕް އޮޅާފައި ކަމަށާއި އަޑު ކެނޑިކެނޑިގެން އަންނާތީ އެ މައިކް ބޭނުން ކުރަން އުނދަގޫ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ކަމުން ހެޔޮ އެދޭ ފަރާތަކުން މިސްކިތަށް މައިކެއް ހަދިޔާކުރުމަށް އޭނާ ވަނީ ގޮވާލައްވައިފަ އެވެ.

މިކަމާ ބެހޭ ގޮތުން މާލޭ ސިޓީގެ މޭޔަރު މުހައްމަދު ޝިހާބު ވިދާޅުވީ މިސްކިތްތަކުގައި ހުންނަ ތަކެތި ހަލާކުވުމުން އެތަކެތި މަރާމާތު ކުރުމަކީ ކުރިން އޮތް ސިޓީ ކައުންސިލުން ކޮށްފައިވާ ކަމެއް ކަމަށާއި މިހާރު އޮތް ސިޓީ ކައުންސިލުން ވެސް އެފަދަ ތަކެތި މަރާމާތު ކުރާނެ ކަމަށެވެ.

ގަމަތް ދިނުމަށް ފަހު ނަމާދާ ނުގުޅޭ ވާހަކައެއް ހަތީބު ދެއްކުމާ ގުޅިގެން ޝައިޚު މުހައްމަދު އަނީލް "ސަން"އަށް ވިދާޅުވީ ގަމަތްދިނުމާ އެކު ދެންޖެހޭނީ ނަމާދަށް އަވަސްވެ ގަންނަން ކަމަށާއި ނަމާދުގެ މަސްލަހަތު ނެތް ވާހަކަ އެ ވަގުތުގައި ދެއްކުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

"އެއީ ރަނގަޅު ގޮތެއް ނޫން. ނަމާދުގެ މަސްލަހަތު ނެތް ވާހަކަ ނުދެއްކުން އޭގެ އެންމެ ރަނގަޅު ގޮތަކީ،" އަނީލް ވިދާޅުވި އެވެ.