އައްޑޫ ސިޓީގެ ހިތަދޫގައި މިދިޔަ ބުދަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓްގައި ޒަހަމްވި އަންހެން މީހާ އިތުރު ފަރުވާއަށް މާލެ ެގެނެސްފި ކަމަށް ހަތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.

މަސްތުވެ ހުރެގެން މީހަކު ދުއްވި ޖިޕެއް ކާރަކާއި ސައިކަލެއްގައި ޖެހި ހިނގި އެ ނުރައްކާތެރި އެކްސިޑެންޓުގައި ޒަހަމްވެފައި ވަނީ ހިތަދޫ ސަބްދެލިގޭ، ހައްވާ އަހުމަދު،32، އެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެހުންނެވި ޝާހު ސައީދު މިއަދު "ސަން" އަށް ވިދާޅުވީ ހައްވާ މާލެ ފޮނުވާލާފައިވަނީ އެ ހޮސްޕިޓަލުގެ ޑޮކްޓަރަކާއި ނަރުހަކާއި އެކުގައި ރޭގެ ވަގުތެއްގައި ކަމަށެވެ.

ޝާހް ވިދާޅުވީ އޭނާ މާލެ ފޮނުވާލަންދެން އޭނާއަށް އެ ހޮސްޕިޓަލުން ދެވެން އޮތް ފަރުވާއެއް ދީފައިވާ ކަމަށާއި ފައިގެ ފަލަމަސްގަނޑުން ބިނދިފައިވާތީ "ފައި ނުގުޑާގޮތަށް ކޮންމެވެސް ކަހަލަ ޓްރީޓްމެންޓެއް" ވަގުތީ ގޮތުން ދީފައިވާ ކަމަށެވެ.

އެކްސިޑެންޓުގައި ހައްވާގެ ބޮލުގެ ނާށިގަނޑަށް ވެސް ހާނިއްކަވެފައިވާ އިރު މޫނު މައްޗަށް ވެސް އެކިވަރުގެ އަނިޔާތައް ލިބިފައި ވެއެވެ. ނަމަވެސް އޭނާގެ ބޮލަށް ލިބިފައިވާ ގެއްލުންތައް އިނގޭނީ އައިޖީއެމްއެޗަށް ގެންގޮސް ސްކޭންތައް ހެދުމުން ކަމަށް ޝާހް ވިދާޅުވި އެވެ.

ގަމުން ކޯއްޓޭއާވީ ކޮޅަށް ނުގަވާއިދު ފަޅިން ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ޖިޕެއް ކޮންޓްރޯލުން ނައްޓައިގެން ގޮސް ގަވާއިދު ފަޅިން ދުއްވާފައި ދިޔަ ކާރެއްގެ ޖެހި ހިނގި އެ އެކްސިޑެންޓުގައި ކާރާއި ޖިޕް ކަހާލައިގެން ގޮސް އެމަގުން ދުއްވާފައި އައި ސައިކަލެއްގައި ޖެހި ހިނގި ނުރައްކާތެރި ހާދިސާގައި އަނިޔާ ލިބުނު އަންހެން މީހާވަނީ ޖިޕްގެ ދަށުވެފަ އެވެ.