ކްރައިމިޔާ (މާޗް 7) : ޔުކްރޭންގެ ކްރައިމިޔާ ސަރަހައްދަކީ މިހާރު އެ ގައުމުގެ ސަރަހައްދެއް ނޫން ކަމަށާ އެތަނުގައިތިބި ޔުކްރޭން ސިފައިންނަކީ ބޭރުގެ އިސްތިއްމާތީ ބާރުތަކެއް ކަމަށް އެ ސަރަހައްދުގެ ޕާލަމެންޓްގެ ރައީސް ވްލަޑިމޭރު ކުންސްތަންތިނޯވް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ކްރައިމިޔާ ސަރަހައްދު ޔުކްރޭނުން ވަކިވެގަތުމަށް އެ ސަރަހައްދުގެ ޕާލަމެންޓުން އިއްޔެ ފާސްކުރުމާ ގުޅިގެންނެވެ. މިގަރާރުގައި ކްރައިމިއާ ސަރަހައްދު ރަޝިޔާގެ ބަޔަކަށް ހެދުމަށް ޓަކައި މިމަހުގެ 16 ވަނަ ދުވަހު ރައްޔިތުންގެ މެދުގައި ފެންނަ ނުފެންން ވޯޓެއް ނެގުމަށް ވެސް ގޮވާލާފައިވެ އެވެ. އެ ސަރަހައްދު ޔުކްރޭނުން ވަކިވެ އަވަށްޓެރި ރަޝިޔާގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް ވެސް ނިންމި ނަމަވެސް މިނިންމުމަށް އަމަލީސިފަ ގެންނާނީ މިކަމާ ބެހޭ ގޮތުން އެސަރަހައްދުގެ ރައްޔިތުން ދެކޭ ގޮތް ބެލުމަށް ޓަކައި މިމަހުގެ 16 ވަނަ ދުވަހު ނަގާ ފެންނަ ނުފެންނަ ވޯޓަށްފަހު އޭގެ ނަތީޖާ އަށް ބަލާފައި ކަމަށް ވެސް މިކަމާބެހޭ ގޮތުން ޕާލަމެންޓުން ފާސްކުރި ގަރާރު ބުނެ އެވެ.

ކްރައިމިއާ ސަރަހައްދުގެ ޕާލަމެންޓްގެ މިނިންމުމަށް ޔުކްރޭންގެ ވަގުތީ ސަރުކާރުން ދެކޮޅު ހަދައި މިއީ ބާތިލް ނިންމުމެއް ކަމަށް ސިފަކޮށްފައިވާ އިރު ޔުކްރޭންގެ ވަގުތީ ސަރުކާރަށް ތާއީދުކުރާ ޔޫރަޕްގެ އިއްތިޙާދާއި އެމެރިކާ އިން ވެސް ގެންދަނީ މިނިންމުމާ ދެކޮޅަށް އަޑުއުފުލަމުންނެވެ. އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވީ ޔުކްރޭނުގެ ކްރައިމިޔާ ސަރަހައްދު ރަޝިޔާގެ ބައެއްގެ ގޮތުގައި ހެދުމާ މެދު ނެގުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓަކީ ޔުކްރޭންގެ ދަސްތޫރުގެ އިތުރުން ބައިނަލްއަގްވާމީ ގާނޫނާ ވެސް މުޅިން ޚިލާފު ވޯޓެއް ކަމުގަ އެވެ. ކްރައިމިޔާ ޕެނިންސިއުލާއަކީ 1954 ވަނަ އަހަރާ ހަމައަށް ރަޝިޔާގެބައެއްގެ ގޮތުގައި އޮތް ސަރަހައްދެކެވެ. އެ ސަރަހައްދު ރަޝިޔާ އިން ވަކިކޮށް ޔުކްރޭންގެ ބައެއްގެ ގޮތުގައި ހަމަޖެއްސެވީ ކުރީގެ ސޮވިއެޓް ޔުނިޔަންގެ ދުވަސްވަރު އެޔުނިޔަންގެ ރައީސްކަން ކުރެއްވި ޔުކްރޭންގެ ދަރިކޮޅުގެބޭފުޅެއް ކަމަށް ވާނިކޮލައި ޚުރުސްޗޯވް އެވެ.

ޔުކްރޭނާއި ރަޝިޔާއަކީ1991 ވަނަ އަހަރު ރޫޅިގެން ދިޔަ ކުރީގެ ސޮވިއެޓްޔުނިޔަން އެކުލެވިފައިވާ 15 ޖުމްހޫރިއްޔާގެ ތެރޭގައި ހިމެނޭ އެންމެބާރު ގަދަ ދެގައުމެވެ. ކުރީގެ ސޮވިއެޓް ޔުނިޔަން ރޫޅިގެން ގޮސް 1991 ވަނަ އަހަރު ޔުކްރޭނަށާއި ރަޝިޔާ އަށް މިނިވަންކަންލިބިގެން ދިޔައިރު ކްރައިމިޔާ ޕެނިންސިއުލާ އޮތީ ޔުކްރޭންގެ ބައެއްގެގޮތުގަ އެވެ. ނަމަވެސް އެ ސަރަހައްދަކީ ސޮވިއެޓް ޔުނިޔަންގެ ކަނޑުގެ ސިފައިންގެ މައިމަރުކަޒު ކަމަށްވެފައި އެސަރަހައްދުގެ އާބާދީގެ 60 އިންސައްތައަކީ ރަޝިޔާ ދަރިކޮޅުގެ މީހުން ކަމަށްވާތީ ކްރައިމިޔާ ސަރަހައްދު ވަނީ ސްޓްރެޓީޖިކް ގޮތުންނާއި ޑިމޮގްރެފިކް ގޮތުން ރަޝިޔާއަށް މުހިއްމު ސަރަހައްދަކަށްވެފަ އެވެ.

ހުޅަނގަށް ތާއީދުކުރާ ޔުކްރޭންގެ އިދިކޮޅު ފަރާތްތަކުން މިދިޔަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު އެގައުމުގެ އިންތިހާބީ ރައީސްވިކްޓާ ޔަނަކޮވިޗްގެ ވެރިކަން ވައްޓާލުމަށް ފަހު އުފައްދާފައިވާ ސަރުކާރުގެ ދަށުގައި ތިބެންކްރައިމިޔާ ޕެނިންސިއުލާގެ ގިނަ ރައްޔިތުން ބޭނުންނުވާކަން އެމީހުން ގެންދަނީ ހާމަކުރަމުންނެވެ. ކްރައިމިޔާގެ އާބާދީގެ 60 އިންސައްތައަކީ ޔުކްރޭންގެ މިހާރުގެ ސަރުކާރުގެ ދަށުގައި ތިބެން ބޭނުންނުވާ ރަޝިޔާ ނަސްލުގެ މީހުން ކަމަށްވާއިރު އެސަރަހައްދު، ޔުކްރޭނުން ވަކިވެގަތުމާ ބެހޭ ގޮތުން ނަގާ މިވޯޓުގެ ނަތީޖާ ދާނީ ރަޝިޔާ ނަސްލުގެ ރައްޔިތުން އެދޭގޮތަށް ކަމަށް ވަނީ ބެލެވިފަ އެވެ.
ރަޝިޔާގެ ސެނެޓުން ވަނީ ކްރައިމިޔާ ސަރަހައްދުފަދަ ޔުކްރޭންގެ ސަރަހައްދުތަކުގައި ދިރިއުޅޭ ރަޝިޔާ ނަސްލުގެ ރައްޔިތުން ހިމާޔަތް ކުރުމަށާއި ކްރައިމިޔާގައިވާ ރަޝިޔާގެ ޢަސްކަރީ މަރުކަޒުތައް ސަލާމަތްކުރުމަށް ޓަކައި އެގައުމުގެ ސިފައިން ޔުކްރޭނަށް ފޮނުވުމުގެ ހުއްދަ ރައީސް ވަލްޑިމޭރު ޕޫޓިންއަށް ދީފަ އެވެ. މިއާއެކު ޕޫޓިން ވަނީ ކްރައިމިޔާ ސަރަހައްދުގައި ދިރިއުޅޭ ރަޝިޔާ ދަރިކޮޅުގެ މީހުންގެ ޙިމާޔަތުގައި އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް ވަރަށް ސާބިތުކަމާ އެކު ރަޝިޔާ އިން އަޅާނެކަމުގެ އިންޒާރު ހުޅަނގަށާއި ހުޅަނގަށް ތާއީދުކުރާ ޔުކްރޭންގެ ވަގުތީ ސަރުކާރަށް ދެއްވާފަ އެވެ. (ނޫސްއެޖެންސީތައް)