07 Mar 2014, 14:05
ނިއުދިއްލީ (މާޗް 7) : މި މަހު 7 ވަނަ ދުވަހުން ފެށިގެން މެއި މަހުގެ ބާރަ ވަނަ ދުވަހާ ހަމަ އަށް ނުވަ މަރްހަލާއަކަށް ބަހާލައިގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ އިންޑިޔާގެ ޕާލަމެންޓްރީ އިންތިޚާބުގައި، ވެރިކަންކުރާ ކޮންގްރެސް ޕާޓީ ބޮޑު ބައްޔަކުން ބަލިވެ އިދިކޮޅު ބާރަތިޔާޖަނަތާ ޕާޓީ (ބީ.ޖޭ.ޕީ) އިންތިޚާބު ކާމިޔާބުކުރާނެ ކަމަށް ވަރަށްބޮޑަށް ބެލެވޭކަމަށް ކަމާބެހޭ ރިޕޯޓްތައް ބުނެފި އެވެ.
ޚިޔާލު ހޯދުމުގެ ސާވޭތަކާ ހަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނާގޮތުން މިއިންތިޚާބު ބީޖޭޕީ ކާމިޔާބުކުރާނެ ކަމުގެ ހުރިހާ އަލާމާތްތަކެއްދަނީ ފެންނަމުންނެވެ. މީގެތެރޭގައި ބޮޑުވަޒީރު މަންމޯހަން ސިންގްގެ ސަރުކާރުން ފަގީރުންގެ ހާލަތު ރަނަގަނޅު ކުރުމަށް ވެފައިވާ ވަޢުދުތައް ފުއްދާފައި ނުވުމާއި ސިންގްގެ ސަރުކާރުގައި ކޮރަޕްޝަން ޢާންމު ވުމާއި ޚިދުމަތާއި ތަކެތީގެ އަގުތައް މައްޗަށް ދިޔުންފަދަ މައްސަލަތައް ހިމެނެ އެވެ. މިއާ އެކު އާންމު އިންތިޚާބުގައި ކޮންގްރެސް ބަލިވާނެ ކަމަށް ބެލެވިފައިވީ ނަމަވެސް ބީޖޭޕީ އަށް ވެސް ޕާލަމެންޓްގެ ދެބައިކުޅަ އެއްބައި ގޮނޑި ކާމިޔާބުނުވާނެ ކަމަށާ އެޕާޓީއަށް ވެސް ސަރުކާރެއް އެކުލަވާލުމުގެ ފުރްސަތު ލިބޭނީ ކޯލިޝަނެއްގެ ތެރެއިން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އިންޑިޔާގެ ޕާލަމެންޓްގެ 543 ގޮނޑި އަށް 543 މެންބަރުން އިންތިޚާބު ކުރަންޖެހޭ އިރު ވޯޓު ދިނުމުގެ ހައްގު 814 މިލިޔަނަށް ވުރެ ގިނަ މީހުންނަށް ލިބިފައިވާ ކަމަށް އެގައުމުގެ އިލެކްޝަން ކޮމިޝަނުން ވަނީ ހާމަކޮށްފަ އެވެ. އަދި ވޯޓު ލުމަށް ޓަކައި މިލިޔަނެއްހާ އިންތިޚާބީ މަރުކަޒު އިންޑިޔާގެ ކަންކޮޅުތަކުގައި ގާއިމް ކުރުމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ. ބީޖޭޕީގެ ފަރާތުން އިންޑިޔާގެ ބޮޑވަޒީރު ކަމަށް އަންނާނެ ބޭފުޅަކީ ގުޖުރާތުގެ އާދައިގެ އާއިލާއަކަށް ނިސްބަތްވާ އުމުރުން 63 އަހަރުގެ ނަރެންދުރަ މޮޑީ އެވެ. އޭނާގެ މަގްބޫލުކަން އިންޑިޔާގެ ސްޓޭޓްތަކުގައި އިތުރުވަމުންދާ އިރު ވެރިކަންކުރާ ކޮންގްރެސް ޕާޓީގެ އިސްފަރާތްތަކުގެ މައްޗަށް ކޮރަޕްޝަނާއި އިންޑިޔާގެ އިގްތިސާދު އެކަށީގެންވާ ވަރަށް ކުރިޔަށް ގެންދިޔުމުގައި ނާކާމިޔާބުވުމާއި އިންފްލޭޝަން މައްޗަށް ދިޔުން ފަދަ ހައްސާސީ މައްސަލަތަކުގެ ތުހުމަތުތައް ދަނީ ކުރެވެމުންނެވެ.
މޮޑީގެންދަވަނީ ކޮންގެރެސްގެ ވެރިކަމުގެ ފާއިތުވެދިޔަ ދެދައުރުގައި އިންޑިއާގެ އިގްތިސާދަށް ކޮށްފައިވާ ނޭދެވޭ އަސަރުތަކުން ގައުމު ސަލާމަތްކޮށް އިންފްލޭޝަން ހިފަހައްޓައި ވަޒީފާތައްއިތުރުކޮށް، ފަގީރުންގެ ހާލަތު ރަނގަނޅުކޮށްދޭނެ ކަމުގެ ވައުދުތައް ވަމުންނެވެ. އިންތިޚާބުގެ ކޭންޕޭންގައި ކޮންގްރެސްގެ ލީޑަރުންވާ މިފަދަ ވައްދުތަކަށް މިދަނޑިވަޅުގައި ރައްޔިތުންގެ ގިނަ ބަޔަކު އިތުބާރު ނުކުރާ ކަމަށްވެ އެވެ. ކޮންގްރެސްއަށް އިންތިޚާބު ކާމިޔާބުވެއެޖެ ނަމަ ބޮޑުވަޒީރަކަށް ވެވަޑައިގަންނަވާނެ ކަމަށް ބެލެވެނީ ކުރީގެ ބޮޑުވަޒީރު ރާޖީވް ގާންދީގެ ދަރިކަލުން ރާހޫލް ގާންދީ އެވެ. ނަމަވެސް ގާންދީ އާއިލާގެ އެހެން ލީޑަރުންގެ ކިބާގައި ހުންނަ ވެރިކަމާއި ލީޑާ ޝިޕްގެ ޚާއްސަ ސިފަތައް (ކެރިޒްމާ) އޭނާގެ ފަރާތުން ނުފެންނަ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
މޮޑީ، ގުޖަރާތުގެ ޗީފް މިނިސްޓަރުކަން ގިނަ ދުވަސްތަކެއްވަންދެން ކުރައްވާފައިވާ އިރު 2001 ވަނަ އަހަރު އެސްޓޭޓްގައިމުސްލިމުންނާ ދެކޮޅަށް ހިންދޫން ހިންގި ލާއިންސާނީ ޢަމަލުތަކާއި ގަތްލު އާންމުތަކަށް ލޯމަރާލެއްވި ކަމުގެ ތުހުމަތު މޮޑީގެ މައްޗަށް ކުރެވިފައިވެ އެވެ. މީގެ އިތުރުން އެހަމަނުޖެހުންތަކުގައި ހިންދޫ ހަރުކަށި ފަރާތްތަކަށް ހިއްވަރު ދެއްވި ކަމުގެ ތުހުމަތު ވެސް މޮޑީގެ މައްޗަށް ކުރެވިފައިވާތީއާއި އޭނާއަކީ ހިންދޫ ދީނީ ފިކުރުގައި ހައްދުފަހަނަޅާފައިވާ ބޭފުޅަކަށްވާތީ އޭނާއަކީ މުސްލިމުންނާ އިދެކޮޅުބޭފުޅެއްގެ ގޮތުގައި ވަނީ ސިފަކުރެވިފަ އެވެ. މިއާއެކު މުސްލިމުންގެ ގިނަ ބައެއްގެ ވޯޓުލިބޭނީ ކޮންގްރެސްއަށް ކަމަށްވީ ނަމަވެސް މޮޑީ ވެސް ގެންދަވަނީ އޭނާއަކީ މުސްލިމުންނާ އިދިކޮޅު ބޭފުޅެއް ނޫންކަން ހާމަކުރައްވައި މުސްލިމުންގެ ލޯބި ހޯއްދެވުމަށް މަސައްކަތް ކުރައްވަމުންނެވެ. (ނޫސްއެޖެންސީތައް)