މަސްތުވާތަކެއްޗަކީ ވެސް ރާއްޖެއަށް އެތެރެކުރުން މަނާއެއްޗެކެވެ. އެކަމު އެ ތަކެތިވެސް އެކިގޮތްގޮތަށް ފޮރުވައިގެންނާއި ހަށިގަނޑުގައި ރައްކާކޮށްގެން ވެސް ގެންދަނީ އެތެރެކުރަމުންނެވެ. އެފަދަ އެތައް މައްސަލައެއް ކަސްޓަމްސް އިން އަތުލައިގަނެ އެފަރާތްތަކާ މެދު ގެންދަނީ ފިޔަވަޅު ވެސް އަޅަމުންނެވެ. ނަމަވެސް މިފަހަކަށް އައިސް އެތެރެކުރަމުން ގެންދާ "ވައިލްޑް ލައިފް" ޖަނާވާރުތައް ރާއްޖެއަށް އެތެރެވެފައި މިވަނީ ހައިރާން ކުރުވަނިވި ގޮތަކަށެވެ. އެތަކެތި ރައްކާތެރިކަމާ އެކު މަރު ނުވާނެހެން އެތެރެކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ އެވެ. މަސްތުވާތަކެތި އެތެރެކުރުމާއި އެފަދަ ދިރޭ އެއްޗެއް އެތެރެ ކުރުމާ ހާސްބައި ތަފާތެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މ. ޒިލިއަންގެ، ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރުމުގެ ތެރޭގައި އެގޭ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ރާއްޖެއަށް އެތެރެކުރުން މުޅިން މަނާ ބާވަތެއްގެ ޖަނަވާރެއް ކަމުގައިވާ "ސްލޯ ލޮރިސް" އެއް ވަނީ ފެނިފަ އެވެ. އެ ޖަނަވާރަކީ ދުނިޔެއިން ނެތިގެން ހިނގާދާނެ ކަމުގެ ބިރު ހީވެފައިވާ ޖަނަވާރެކެވެ. ރާއްޖެ ބައިވެރިވެފައިވާ ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖާޑް ސްޕީޝީޒް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ (ސައިޓީސް)ގެ ދަށުން ސްލޯ ލޮރިސްއަކީ ހިމާޔަތްކޮށްފައިވާ ޖަނަވާރެކެވެ.

އެއަށްފަހު އަނެއްކާ ވެސް މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކ. މާފުށިން ވެސް ވަނީ "ޕައިތަން އާއިލާ"ގެ ރޯޔަލް ޕައިތަން ނުވަތަ ބޯލް ޕައިތަން ނަމަކަށް ކިޔާ ހަރުފައެއް އަތުލައިގެންފަ އެވެ. މިތަކެއްޗަކީ ހަމަ ގައިމުގެ ވެސް ހަށިގަނޑުގައި ރައްކާކޮށްގެން ނުވަތަ އެއްޗެއްގެ ތެރޭގައި ވައި ނުވަންނާނެހެން އެތެރެކުރެވޭވަރަށްވުރެ ތޮބީއީ ގޮތުން މާ ބަލިކަށި އެއްޗިއްސެވެ. މިތަކެތި ދިރިތިއްބާ ފެނުމަކީ ހައިރާން ކުރުވަނިވި ކަމެކެވެ.

ރާއްޖެއަށް އެެތެރެކުރުން މުޅިން މަނާ މިފަދަ ތަކެތި ފޮރުވައިގެން ރާއްޖެއަށް އެތެރެކުރެވޭނީ ކަނޑުގެ މަގުން ނުނީ ވައިގެ މަގުން ކަމުގައިވާއިރު ވައިގެ މަގުން ވެސް ކަނޑުގެ މަގުން ވެސް ރާއްޖެ އަންނަ ބޯޓު ފަހަރު، ރާއްޖެ އަށް އެތެރެވުމުގެ ކުރިން ވަރަށް ގިނަ މަރުހަލާތަކެއް ކަނޑަތުކުރަން ޖެހެ އެވެ. އެގޮތުން ރާއްޖޭން ބޭރުން މުދާ ހިފައިގެން އަންނަ ބޯޑުފަހަރު ސެކިއުރިޓީ ކްލިއަރެންސް ހަދަން ޖެހެއެވެ.

ކަސްޓަމްސްގެ ސީނިއާ ސުޕްރިޓެންޑެންޓް އަހުމަދު ނިޔާޒު "ސަން" އަށް ވިދާޅުވި ގޮތުގައި އެފަދަ ތަކެތި ވައިގެ މަގުން ރާއްޖެ އެތެރެވުމަކީ ވަރަށް ނާދިރު ކަމެކެވެ. އެއީ ވައިގެ މަގުން އެތެރެވުމުގެ ކުރިން ދެ ފަހަރު ކަސްޓަމްސް ކްލިއަރެންސް ހަދަންޖެހެ އެވެ. އަދި އެއާޕޯޓް ސެކިއުރިޓީ ޗެކިންގެ ތެރެއިން އެފަދަ އެއްޗެއް އަތުނުވެ އެެތެރެވުމުގައި އޮތީ ވަރަށް ހަނި ފުރުސަތެކެވެ.

ނިޔާޒު ވިދާޅުވީ ދެން އޮތް އަނެއް ގޮތަކީ ކަނޑުގެ މަގުން އެތަކެތި ފޮރުވައިގެން އެތެރެ ކުރުން ކަމުގައި އެވެ. އަދި ކަނޑުގެ މަގުން އެތަކެތި އެތެރެކުރުމުގެ ފުރުސަތުތައް ބޮޑުކަން އޭނާ ފާހަގަކުރެއްވި އެވެ.

"ކަނޑުގެ މަގުން ރާއްޖެ އަށް އެތެރެވާ މުދާ ކްލިއަރެންސް ހެދުމުގައި ބައެއް ހާލަތްތަކުގައި ކަސްޓަމްސްގެ އިންޓެލިޖެންސްއަށް ލިބިފައިވާ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް މުދާތަކާ އެކު މުޅި ބޯޓު އެއްކޮށް ޗެކްކުރެވޭ، ނަމަވެސް އާއްމު ހާލެއްގައި އެގޮތަށް ޗެކްކުރުމަކީ ވިޔަފާރިވެރިންނަށް ވެސް އޭގެ ތަކުލީފްތަކެއް ފޯރާނެ ކަމެއް،" ނިޔާޒު ވިދާޅުވި އެވެ.

ރާއްޖެއިން ނުފެންނަ ބައެއް ބާވަތްތަކުގެ ޖަނަވާރު، މީގެ އަހަރުތަކެއް ކުރިން ވެސް ކަސްޓަމްސްގެ މުދާ ކްލިއަރެންސް ހެދުމުގެ ތެރޭގައި ފެނިފައިވާ ކަމަށް ކަސްޓަމްސްގެ ރެކޯޑްތަކުން ދައްކަ އެވެ. އޭރު އެތަކެތި އެތެރެވެފައި ހުންނަނީ ލަކުޑި ޝިޕްމަންޓް ފަދަ އެއްޗެހީގައި ފޮރުވައިގެންނެވެ. ނަމަވެސް މިފަހުގެ ތާރީހެއްގައި މިފަދަ އެއްވެސް އެއްޗެއް ކަސްޓްމަސްގެ އެއްވެސް ސެކިއުރިޓީ ކްލިއަރެންސެއްގައި ފެނިފައެއް ނުވެ އެވެ.

ނިޔާޒު ވިދާޅުވި ގޮތުގައި ކަނޑުމަގުން ވެސް ރާއްޖެ އެތެރެކުރާ މުދާ ޝިޕްމަންޓްތައް އެތެރެވާނީ ވަރަށް ބޮޑަށް ޗެކްކުރެވިގެންނެވެ. ނަމަވެސް މަސްތުވާތަކެތި ވެސް ރާއްޖެއަށް އެތެރެކުރުމުގައި ތަފާތު އުކުޅުތައް ބޭނުންކުރާއިރު ދިރޭތަކެތި އެތެރެކުރުމަށް ވެސް ތަފާތު އުކުޅުތައް ބޭނުންކުރުމަކީ ވެދާނެ ކަމެކެވެ.

"އުޅަނދުފަހަރާއި މުދާ ޝިޕްމަންޓްގެ އިތުރުން ލަނކުޑިފަދަ ޝިޕްމަންޓްގައި އެތެރެކުރުމުގެ ފުރުސަތު އޮވެދާނެ،" ނިޔާޒު ވިދާޅުވި އެވެ.

ރާއްޖެއަށް މަދުމަދުން ނަމަވެސް މިގޮތަށް އެތެރެވާ އެއްޗިއްސާ މެދު އަމަލުކުރަމުން ގެންދަނީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަންސް އެޖެންސީ (އީޕީއޭ) ގެ އިރުޝާދާ އެކު ފުލުހުންގެ އިދާރާއިންނެވެ. ފުލުހުން ބުނީ އެތަކެއްޗާ މެދު އީޕީއޭއިން ގޮތެއް ކަނޑައަޅަންދެން އެތަކެތި ބަލަހައްޓަމުން ގެންދަނީ ފުލުހުންގެ އިދާރާއިން ކަމަށެވެ.

ކޮންމެއަކަށް މިފަދަ ތަކެތި ރާއްޖެއަށް މަދުމަދުން ވެސް އެތެރެވުން މިހާރު މިވަނީ އާއްމުވެފަ އެވެ. މަސްތުވާތަކެއްޗާ ހިލާފަށް، މިގޮތަށް ދިރޭތަކެތި ރާއްޖެއަށް އެތެރެވާ އެތެރެވުން ނުހުއްޓުވާ ނަމަ މިއީ ވިސްނާލަން ޖެހޭ ސީރިއަސް މައްސަލައަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ރާއްޖޭގެ ކަމާ ބެހޭ ހުރިހާ ފަރާތްތަކުން ވެސް މިކަމަށް މިހާރަށްވުރެ ބޮޑަށް ސަމާލުވާން އެބަޖެހެ އެވެ. އަދި މިތަކެތި އެތެރެކުރަނީ ކޮން ބޭނުމެއްގައިތޯ ވެސް ބަލަން އެބަޖެހެ އެވެ.