07 Mar 2014, 10:43
މާލޭގެ ރަށްވެހިންގެ ތެރެއިން، ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައިވާ މީހުންނަށް ހައްލެއް ހޯދައި ދިނުމަށް ސަރުކާރުން އަލަށް ފެށި މަޝްރޫއުގެ ދަށުން އަޅަން ހަމަޖެހިފައިވާ ފްލެޓްތައް، ދެއަހަރުގެ ތެރޭގައި އަޅާ ނިންމައި، ހަވާލު ކުރެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވީ އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އަޅަން ނިންމާފައިވާ 1100 ފްލެޓުގެ މަސައްކަތް ދެ މަސް ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ. އަދި މަސައްކަތް ފަށާތާ ދެ އަހަރުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮންޓްރެކްޓުގައި މިއިންނަނީ ދެއަހަރު ދުވަސް ގާތްގަނޑަކަށް އިމާރާތްކުރުމަށް. ނަމަވެސް އަޅާ ފްލެޓްތައް ފޭސްއައުޓް ކޮށްގެން އެ ސަރަހައްދުގެ މަގުތައް ހެދުމާއި އެއްކޮށް ކުރިއަށް ގެންދެވިއްޖެނަމަ ނިމޭވަރަކުން ހަވާލުކުރަމުން ދެވިދާނެ،" މުއްތަލިބު ވިދާޅުވި އެވެ.
މާލޭގައި ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައިވާ މީހުންނަށް ތަނަވަސް ބޯހިޔާވަހިކަމެއް ހޯދައިދިނުމަށް އަޅާ ފްލެޓްތަކުގެ ތެރެއިން 715 ފްލެޓް އެޅުމަށް ހަމަޖެހިފައި ވަނީ ޗައިނާގެ އެގްޒިމް ބޭންކުން ދީފައިވާ ލުއި ލޯނުގެ ދަށުންނެވެ. އަދި އަނެއް 385 ފެލްޓް އެޅުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ އެގްޒިމް ބޭންކް މެދުވެރިކޮށް އެ ގައުމުގެ ސަރުކާރުން ދީފައިވާ ލުއި ލޯނެއްގެ ދަށުންނެވެ.
ނަމަވެސް ޗައިނާގެ ސަރުކާރުން ދީފައިވާ ލުއި ލޯނުގެ އެހީގައި އަޅަން ހަމަޖެހިފައިވާ ފްލެޓުތައް އަޅަން ނިންމާފައިވާ ސަރަހައްދަށް ބަދަލުތަކެއް އަންނާތީ، އެކަމަށް މަޖިލީހުގެ ހުއްދަ އަކަށް އެދެންޖެހޭ ކަމަށާއި، އެހެންކަމުން އެ ޕްރޮޖެކްޓުގެ މަސައްކަތް ލަސްވެދާނެ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުން ފަށާފައިވާ އާ އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ވިލިމާލޭގައި ވެސް 70 އާއި 150 ފްލެޓާއި ދެމެދުގެ އަދަދެއްގެ ފްލެޓު އަޅަން ރާވާފައިވާ ކަމަށާއި އެ ފްލެޓް ތަކުގެ ޑިޒައިން ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުންވެސް ބޭރުގެ ބައެއް ކުންފުނިތަކާއި ވާހަކަދައްކައިގެން ހުޅުމާލޭގައިވެސް އިތުރު ފްލެޓްތަކެއް އެޅުމަށް މަސައްކަތްކުރަމުންދާ ކަމަށާއި އެ ފްލެޓުތައްވެސް މިހާރު ފްލެޓްތަކަށް އެދުމަށް ހުޅުވާލި ފުރުސަތުގައި ހިމެނޭތޯ މަސައްކަތްކުރާ ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އަޅަން ނިންމާފައިވާ ފްލެޓްތަކަށް އެދުމަށް މިދިޔަ އަންގާރަ ދުވަހުން ފެށިގެން ފޯމް ދޫކުރަމުންދާއިރު، މިހާތަނަށް 6000 އަށްވުރެ ގިނަ މީހުން ވަނީ ފްލެޓްތަކަށް އެދި ފޯމް ގެންގޮސްފަ އެވެ.