07 Mar 2014, 03:34
ކޯޓު އަމުރެއްގެ ދަށުން މާލޭގެ ގެއެއް ބަލައި ފާސްކޮށް، ކޮޓަރިއެއްގެ ތެރޭގައި ދެ ލޯބިވެރިޔަކު މަސްތުވާތަކެއްޗާއެކު ގެންގުޅުނު ހަރުފައެއް ފުލުހުން އަތުލައިގެންފި އެވެ.
ޕެޓެއްގެ ގޮތުގައި އެ ދެ ލޯބިވެރިން ގެންގުޅުނު ހަރުފަ ފުލުހުން އަތުލައިގަތީ ހ. ލަކީ ޝޭޑްގޭގެ ކޮޓަރިއެއްގެ ތެރެއިންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާލުވީ ކޯޓް އަމުރެއްގެ ދަށުން ލަކީ ޝޭޑް ބަލައި ފާސް ކުރީ މިރޭ 11:15 ހާކަންހާއިރު ކަމަށާއި އެ ގެއިން ހައްޔަރު ކުރީ 27 އަހަރުގެ އަންހެނަކާއި 28 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އެ ދެ މީހުން އުޅެނީ އިނދެގެން ކަމެއް ބުނި ނަމަވެސް އެކަން "ސާބިތުކޮށްދެވިފައި" ނުވާ ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.
ޑްރަގް އެންފޯރސްމަންޓް ޑިޕާރޓްމަންޓުން މިރޭ ހިންގި އޮޕަރޭޝަނުގައި އެ ދެ ލޯބިވެރިން ދިރިއުޅުނު ކޮޓަރި ތެރެއިން އަތުލައިގަތް ހަރުފައަކީ "އަލްބީނޯ ބޭންޑެޑް ކެލިފޯނިއާ ކިންގް ސްނޭކެއް" ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ދެ މީހުން ޕެޓެއްގެ ގޮތުގައި ގެންގުޅުނު ފައިދިގުމަކުނުގެ ވައްތަރެއްކަމަށްވާ "މެކްސިކަން ރެޑް-ނީޑް ޓަރަންޓޫލާ"އެއް ބިއްލޫރި ޓޭންކެއްގެ ތެރޭގައި ގެންގުޅެނިކޮށް، ފެނިފައިވާ ކަމަށާއި އޭތި ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ދެ މީހުން ދިރިއުޅުނު ކޮޓަރި ތެރެއިން އަމިއްލައަށް ޕްރިންޓް ކޮށްފައިވާ 100 ޑޮލަރުގެ ނޫޓެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
