07 Mar 2014, 02:18
ހެންވޭރު ކޮޅު އަޑިޕާކު ސަރަހައްދުގައި ބިދޭސީއެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފި އެވެ.
އެ ހާދިސާ ހިންގާފައި ވަނީ މިރޭ މެންދަމު 1:00 އެހާކަންހާއިރު އެވެ. ފުލުހުންގެ މިޑިއާ އޮފިޝަލަކު ވިދާޅުވީ އެ މާރާމާރީގައި ޒަހަމްވި ބިދޭސީ މީހާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށެވެ.
މާރާމާރީ ހިންގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާއިރު، އެ މާރާމާރީ ހިންގި މީހުން ފުލުހުން ދަނީ ހޯދަމުންނެވެ. ނަމަވެސް އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ.
ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު މިރޭ ޒަހަމްކޮށްލިއިރު، މިއަހަރުގެ މިހާތަނަށް ވަނީ މާރާމާރީގައި އަށް މީހަކު ޒަހަމްކޮށްލާފަ އެވެ. އެގޮތުން މި އަހަރުގެ ޖެނުއަރީ މަހު 27ގައި މާލޭގެ ތިން ސަރަހައްދެއްގައި ވަނީ ދެ މީހަކާއި ކުޑަކުއްޖެއްގެ ގަޔަށް ވަޅި ހަރާފަ އެވެ. އަދި މިދިޔަ މަހުގެ އެއް ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީގެ ބުރަކައްޓަށް ވަޅި ޖަހައި ވަނީ ޒަހަމްކޮށްލާފަ އެވެ. އޭގެ ފަހުން އަޑިޕާކް ސަރަހައްދުގައި ފުރާވަރު ކުއްޖެއްގެ ގައިގައި ދަގަނޑު ބުރިއަކުން ޖަހައި ވަނީ ޒަހަމްކޮށްލާފަ އެވެ. އަދި މާލޭ ހުޅަނގު ދެކުނު ހާބަރުކަޑައެއްގެ ކެފޭގައި މަސައްކަތް ކުރި ބިދޭސީ ވޭޓަރެެއްގެ ބޮލުގައި ގޮނޑިއަކުން ޖަހައި ޒަހަމްކޮށްލާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މެންދަމު އެވެ.