06 Mar 2014, 23:59
ފުލުހުން އަތުލައިގެންފައިވާ މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކާ ގުޅުން ހުރި ކަމުގެ ތަހުމަތުގައި ހޯދަމުންދިޔަ މ. ޗެރީބެލްއާގެ މުހައްމަދު އިހްސާން ސައީދު، 24، ފުލުހުންގެ އޮފީހަށް އަމިއްލައަށް ހާޒިރު ކުރުމުން ހައްޔަރުކޮށްފި އެވެ.
މިދިޔަ އަންގާރަ ދުވަހުން ފެށިގެން ފުލުހުން ހޯދަމުންދިޔަ މީހާއާ ގުޅޭ ގޮތުން ފުލުހުންގެ މީޑީއާ އޮފިޝަލަކު ވިދާޅުވީ އިހްސާން ފުލުސް އޮފީހަށް ހާޒިރުވީ އިއްޔެ ހަވީރު ކަމަށެވެ. ފުލުހުންގެ ތަހުގީގު ކުރިއަށް ގެންދިއުމަށް އޭނާގެ ބަންދަށް ހަތް ދުވަސް ކޯޓުން ޖަހައިދީފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިހްސާންއަކީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާ މައްސަލަތަކުގެ ރެކޯޑާއި ގޭންގު ހަދައިގެން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް އަމަލުތައް ހިންގާ މައްސަލަތަކުގެ ރެކޯޑުގެ އިތުރުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލަތަކުގެ ރެކޯޑާއި ފުލުހުންގެ ވެހިކަލަކަށް ގެއްލުން ދިނުމުގެ މައްސަލައިގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ.
ދިރުވާލައިގެން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ ކަމަށް ޑްރަގް އިންޓަލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މިދިޔަ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި އަތުލައިގަތް ނެޓްވޯކާ ގުޅުންހުރި ތިން މީހަކު މިހާތަނަށް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.