މާބަނޑު އަންހެނެއްގެ ގަޔަށް އެޗްއައިވީ ޕޮޒިޓިވް ލޭ އެޅުމުގައި އިހުމާލުވި މައްސަލާގައި ހައްޔަރު ކުރި އިންޑިއާގެ ލެބް ޓެކްނީޝަންގެ ބަންދަށް އިތުރު 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިދީފި އެވެ.

މިިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރު ކުރި އިންޑިއާގެ ކެރެލާ އަށް އުފަން ރާޖޭޝް ކަކަންތު ބަސްކަރަން، 32،ގެ ބަންދަށް ހަތް ދުވަސް ކޯޓުން ޖަހައިދިނީ މިދިޔަ ހުކުރު ދުވަހު އެވެ. އޭނާގެ ބަންދުގެ މުއްދަތު މިއަދަށް ހަމަވާތީ، ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިދީފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވެސް ވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރިކަން ސަންއަށް ކަށަވަރުކޮށްދެއްވާފަ އެވެ.

އަމިއްލަ އިހްމާލުން މާބަނޑު އަންހެނެއްގެ ގަޔަށް އެޗްއައިވީ ޕޮޒިޓިވް ލޭ އެޅުނު ކަމަށް ރާޖޭޝް ވަނީ އެއްބަސްވެފަ އެވެ. އޭނާ ގޮތަށް އެއްބަސްވީ އައިޖީއެމްއެޗުގެ ޑެޕިއުޓީ ސީއީއޯ ޑރ. މުހައްމަދު ހަބީބު އެކަމާ ގުޅޭ ގޮތުން އޭނާއާ ސުވާލު ކުރުމުންނެވެ. ރާޖޭޝް ވިދާޅުވި ގޮތުގައި އެޗްއައިވީ ލޭ އަންހެން މީހާގެ ގަޔަށް އެޅީ ގަސްތުގައެއް ނޫނެވެ.

ހަބީބު ވިދާޅުވި ގޮތުގައި ރާޖޭޝް އިހްމާލުވެފައި ވަނީ ލޭ ހަދިޔާ ކުރި މީހާގެ ލެޔަކީ އެޗްއައިވީއަށް ޕޮޒިޓިވް ލެއެއް ކަމަށް އައިޖީއެމްއެޗްގެ ލެބޯޓަރީގެ ލޭ ޓެސްޓު ކުރާ މެޝިނުން ދެއްކުމުން ވެސް އެ ލެޔަކީ އެޗްއައިވީ ނެގެޓިވް ލެއެއް ކަމަށް ރިޕޯޓުގައި ލިޔެފައިވުމުންނެވެ.

އޭނާ ވިދާޅުވީ މާބަނޑު އަންހެން މީހާގެ ގަޔަށް އެޗްއައިވީ ލޭ އެޅި ދުވަހު ލެބް ޓެކްނީޝަން ކުއްލި ގޮތަކަށް އިންޑީއާއަށް ފުރައިގެން ދިޔަ ކަމަށާއި އެނބުރި ރާއްޖެ އައީ ދެ ދުވަސް ފަހުން ކަމަށެވެ. އަދި އޭނާ ރާއްޖެއިން ބޭރަށް ފުރައިގެން ދިޔައީ އަމިއްލަ ބޭނުމެއްގައި ކަމަށް ހަބީބު ވިދާޅުވި އެވެ.