މި މަހުގެ 22 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހަ ވޯޓު ފޮއްޓެއް ނުބަހައްޓަން ނިންމައި، 14 ވޯޓު ފޮއްޓެއް މާލޭގައި ބަހައްޓާ ތަންތަން ބަދަލުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުން ދެ ވޯޓު ފޮށި ބަހައްޓާ ހަ ރަށެއްގެ ތެރެއިން، ކޮންމެ ރަށެއްގައި ވެސް ދެން ބަހައްޓާނީ އެއް ވޯޓު ފޮއްޓެވެ. ކުރިން ދެ ވޯޓު ފޮށި ބަހައްޓަން ނިންމި ބައެއް ރަށްތަކުގައި އެއް ވޯޓު ފޮށި ބަހައްޓަން ނިންމީ، ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ މީހުންގެ އަދަދު 100 އަށް ވުރެ، މަދުވުމުން ކަމަށް އީސީން ބުންޏެވެ. އަދި ރަޖިސްޓްރީ ކުރި އަދަދު 100 އަށް ވުރެ ދަށްވި ހަ ވޯޓު ފޮއްޓަށް ރަޖިސްޓްރީ ކުރި މީހުން ވޯޓުލާން ޖެހޭނީ އެ ރަށެއްގައި ބަހައްޓާފައިވާ އެއް ނަމްބަރު ވޯޓު ފޮއްޓަށް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ކުރިން ދެ ވޯޓު ފޮށި ބަހައްޓަން ނިންމި ނަމަވެސް، މިހާރު އެންމެ ވޯޓު ފޮއްޓެއް ބަހައްޓަން ނިންމާފައިވާ ރަށްތަކަކީ އއ. ފެރިދޫ އެ އަތޮޅު ހިމަންދޫ އާއި އދ. ހަންޏާމީދޫ އާއި އެ އަތޮޅު މަންދޫ އާއި މާލެ އަތޮޅު ގާފަރުގެ އިތުރުން އެ އަތޮޅު ހިންމަފުއްޓެވެ.

މާލޭގައި ވޯޓު ފޮށި ބަހައްޓާ ތަންތަން ބަދަލު ކުރީ މާފަންނު މީހުން ވޯޓުލުމަށް ބަހައްޓާ ނުވަ ވޯޓު ފޮއްޓާއި އަތޮޅު ތެރޭގެ މީހުން ވޯޓުލުމަށް މާލޭގައި ބަހައްޓާ ފަސް ފޮއްޓެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ށ. އަތޮޅު ކަނޑިތީމާއި ގޮއިދޫ އާއި ބިލެތްފައްސާއި ފޭދޫއާއި ނޫމަރާއި ފީވަކާއި ނަރުދޫއާއި އަދި މިލަންދޫ މީހުންގެ ތެރެއިން މާލޭގައި ތިބި މީހުން ވޯޓުލާން ދާންޖެހޭނީ ސޯސަލް ސެންޓަރަކަށް ކަމަށެވެ. އަދި ބ. އަތޮޅު 12 ރަށް ކަމަށްވާ ފުޅަދޫ އާއި ފެހެންދޫ އާއި ގޮއިދޫ އާއި ތުޅާދޫ އާއި ހިތާދޫ އާއި އޭދަފުއްޓާއި މާޅޮހާއި ދަރަވަންދޫ އާއި ދޮންފަނާއި ކިހާދޫ އާއި ކަމަދޫ އާއި ކެންދޫ އާއި ކުޑަރިކިލު މީހުންގެ ތެރެއިން މާލޭގައި ތިބި މީހުން ވޯޓުލާން ދާންޖެހޭނީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.