ގައުމަށް ހެޔޮ ބަދަލުތައް ގެނައުމުގައި ޒުވާނުންގެ އިސްނެގުން އިތުރު ކުރުމުގެ މަގްސަދުގައި ޒުވާނުންނަށް އަމާޒުކޮށްގެން ހާއްސަ ޓްރެއިނިން ކޭމްޕެއް ދިވެހި ރެޑް ކްރެސެންޓުން ބާއްވައިފި އެވެ.

ދިވެހި ރެޑް ކްރެސެންޓުން ބުނީ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީސް (އައިއެފްއާރްސީ) އިން އިސްނަގައިގެން ފަށާފައިވާ "ޔޫތު އޭޒް އޭޖެންޓްސް އޮފް ބިހޭވިއަރަލް ޗޭންޖް" ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދިޔަ އެ ޓްރެއިނިން ކޭމްޕުގައި 18 އަހަރާއި 25 އަހަރުގެ 25 ކުދިން ބައިވެރިވެފައިވާ ކަމަށެވެ.

"އެ ތަމްރީން ޕްރޮގްރާމްގެ އަމާޒަކީ މުޖުތަމައުގެ އަމާން ކަމާއި ސުލްހަ މަސަލަސްކަމަށް މަސައްކަތް ކުރާ އަދި އަނިޔާވެރިކަން ނެތް ސަގާފަތެއް އަށަގެންނެވުމަށް ބާރުއަޅާ ޒުވާނުންތަކެއް އުފެއްދުން." ދިވެހި ރެޑް ކްރެސެންޓުން ބުނެފައިވެ އެވެ.

މުޖުތަމައުގެ ހަމަހަމަކަމާއި ތަފާތުނުކުރުމާއި އަނިޔާވެރިކަން ނައްތާލުމާއި އެކަކު އަނެކަކަށް ކަމޭހިތުމާއި ހަމްދަރުދީވުމުގެ އިތުރުން މުޖުތަމައު ހަރަކާތްތެރިކުރުވުމާއި މައްސަލަތަކަށް ހައްލުހޯދުމުގައި މުއާމަލާތް ކުރާނެ ގޮތްތައް ޕްރޮގްރާމްގެ ބައިވެރިންނަށް ދަސްކޮށްދީފައިވާ ކަަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ދިވެހި ރެޑް ކްރެސެންޓުން ބުނީ ފެބްރުއަރީ 25 އިން އިއްޔެގެ ނިޔަލަށް ބަޑޮސް އައިލެންޑް ރިސޯޓުގައި ކުރިއަށް ގެންދިޔަ އެ ޓްރެއިނިން ކޭމްޕުގައި ޕާކިސްތާން ރެޑް ކްރެސެންޓުންނާއި ހޮންގްކޮންގް އަދި ސްރީލަންކާގެ ރެޑް ކްރޮސްގެ ޓްރެއިނަރުން ބައިވެރިވެފައިވާ ކަމަށެވެ.