06 Mar 2014, 17:09
އޭޝިއަން ގޭމްސް ގައި ރާއްޖެއިން ބައިވެރިވާ ފިރިހެން ޓީމުގެ ފަރިތަކުރުންތައް ފެށިފައި ނުވަނީ އޮލިމްޕިކްސް ކޮމީޓީން އަންހެން ޓީމަށް ބޮޑު އިސްކަމެއް ދޭތީ، ބަޖެޓް ނުލިބޭތީ ކަމަށް ވޮލީބޯޅަ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން މުހައްމަދު ވިދާޅުވެއްޖެ އެވެ.
އަންނަ ސެޕްޓެމްބަރު މަހު ސައުތު ކޮރެއާގައި ބާއްވާ އޭޝިއަން ގޭމްސްގައި ރާއްޖެއިން ބައިވެރިވާ އަންހެން ވޮލީ ޓީމުގެ ފަރިތަކުރުން ފެށި، މިހާރު ވަނީ ކޯޗެއް ވެސް ހަމަޖައްސައިފަ އެވެ. އަންހެން ވޮލީ ޓީމުގެ ކޯޗުކަމަށް ހަމަޖެއްސީ ތަޖުރިބާކާރު ކޯޗު އިބްރާހިމް ޖަލީލު (ޖައްލަ) އެވެ.
"އޮލިމްޕިކްސް ކޮމިޓީން ބޮޑު އިސްކަމެއް ދެނީ އަންހެން ޓީމަށް،" ސަން އަށް މައުލޫމާތު ދެއްވަމުން ވޮލީބޯޅަ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ވިދާޅުވި އެވެ. "މިހާރު ބަޖެޓް ލިބިފައި އޮތީ އަންހެން ޓީމަށް. ފިރިހެން ޓީމަށް އަދި ބަޖެޓް ހަމަޖެހިފައެއް ނުވޭ. ފިރިހެން ޓީމުގެ ފަރިތަކުރުންތައް ނުފެށިފައި ވަނީ ފިރިހެން ޓީމަށް ބަޖެޓެއް ހަމަޖެހިފައި ނުވާތީ. އެއީ ފިރިހެން ޓީމުގެ ފަރިތަކުރުންތައް ފަށާފައި ބަޖެޓް ނުލިބިގެން ހުއްޓާލަން ޖެހިދާނެތީ."
އަންހެން ވޮލީ ޓީމުގެ ފަރުތަކުރުންތައް ފަށާފައިވަނީ، 43 ކުޅުންތެރިންގެ ސްކޮޑަކާއެކު އެވެ. އެންމެ ފަހުން ރާއްޖެ އިން އަންހެން ވޮލީ ޓީމެއް އޭޝިއަން ގޭމްސްގައި ބައިވެރިވެފައި ވަނީ 2010 ވަނަ އަހަރު އެވެ. ދިގު މުއްދަތަކަށް ފަހު، އަންހެން ޓީމު ނުކުންނަ އިރު، ދަތިތަކެއް ހުރެދާނެ ކަމުގައި ހުސެއިން ވިދާޅުވި އެވެ.
"އަންހެން ޓީމު މި ނުކުންނަނީ، ވަރަށް ބޮޑު ގެޕަކަށް ފަހު. އެންމެ ފަހުން އަންހެން ޓީމު ބައިވެރިވީ 2010 ގެ އޭޝިއަން ގޭމްސްގައި. އެހެންކަމުން މުބާރާތަށް ނުކުންނަ ޓީމުގެ ފެންވަރާއި، އެ ޓީމަށް ދެއްކިދާނެ ކުޅުން އެނގިގެންދާނީ ފަހުން." ހުސެއިން ވިދާޅުވި އެވެ.
މިއަހަރު ސައުތު ކޮރެއާގެ އިންޗެއޮންގައި ކުރިއަށްދާ މުބާރާތް ފެށިގެންދާނީ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ. މި މުބާރާތުގައި 36 ކުޅިވަރެއްގެ، 437 އިވެންޓެއް ކުރިއަށް ދާނެ އެވެ.