06 Mar 2014, 17:08
ތެލެސީމިއާ ސޮސައިޓީ އަށް އެހީވުތެރިވުމުގެ ގޮތުން ސޮނީ ސްޕޯޓްސް އިން ހިންގި 'ޗެރިޓީ ރަން' ރޭ ނިންމާލައިފި އެވެ.
ޓްރެކް ދަނޑުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުން ޖުމްލަ 38,000ރ. ވަނީ އެއްކުރެވުނު ކަމަށް ސޮނީ ސްޕޯޓްސް އިން މައުލޫމާތު ދެއެވެ. އެއީ މި ހަރަކާތުން ޓާގެޓް ކުރެވުނު އަދަދަށް ވުރެ، 5000 ރުފިޔާ އިތުރު އަދަދެކެވެ. ސޮނީ ސްޕޯޓްސް އިން ކުރިން ޓާގެޓްކޮށްފައި އޮތީ މި ހަރަކާތުން މަދުވެގެން 35,000 ރުފިޔާ ހޯދުމަށެވެ. މި ހަރަކާތް ކުރިއަށް ދިޔައީ ހަ ދުވަހުގެ މުއްދަތަކަށެވެ.
މި ހަރަކާތުގައި ރަޖިސްޓްރީވި ކޮންމެ ފަރާތަކުން ޓްރެކް ދަނޑު ވަށާ ޖަހާ ކޮންމެ ބުރަކަށް ފަހު ޗެރިޓީ އަށް 5 ރުފިޔާ ހަދިޔާކުރި އެވެ. ޗެރިޓީ ރަންގައި ބައިވެރިނުވި ފަރާތްތަކަށް ވެސް ޓްރެކް ދަނޑުގައި ބަހައްޓާފައިވާ ތެލެސީމިއާ ސޮސައިޓީގެ ފަންޑު ފޮއްޓަށް ފައިސާ ހަދިޔާކުރުމުގެ ފުރުސަތު ވެސް ހުޅުވާލައިފަ އޮތެވެ.
އެންމެ ގިނަ ފައިސާ ޗެރިޓީ އަށް ހަދިޔާކޮށްދިނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އެވެ. މި ހަރަކާތުގައި ގިނަ ސްކޫލްތަކަކުންނާއި، ޕޮލިހާއި އެމްއެންޑީއެފް އާއި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަކުގެ އިތުރުން އާންމުންގެ ގިނަ ބަޔަކު ވެސް ބައިވެރިވި އެވެ.