ހުސައިން ހަސަން އަދި މުހައްމަދު ސިމާއު:

އިނގިރޭސިވިލާތުގެ ޕްރިންސް ވިލިއަމް އާއި އޭނާގެ އަނބިކަނބަލުން ކެތަރިން އެލިޒަބަތު މައުންބާޓެން (ކޭޓް މިޑްލްޓަން) ރާއްޖެ ވަޑައިގެންނެވިކަން "ސަން"އަށް އެނގިއްޖެ އެވެ.

ސަންއަށް އެނގިފައިވާ ގޮތުގައި އެ ދެކަނބަލުން ރާއްޖެ ވަޑައިގެންފައި ވަނީ، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) މިއަދު ހެނދުނު 9:40ގައި ޖެއްސި ބްރިޓިޝް އެއާވޭސްގެ ފުލައިޓަކުންނެވެ. ދެކަނބަލުން ވަޑައިގެންނެވި ފްލައިޓު އެއާޕޯޓަށް ޖެއްސުމާ އެކު އެއާޕޯޓުގައި ސެކިއުރިޓީ ވަރުގަދަކޮށް، ޕާސަނަލް ސެކިއުރިޓީ ގާޑުން، އެ ދެކަނބަލުން "ސިއްރިޔާތުގައި" ކާރަށް އަރުވައިގެން، ވީއައިޕީ ލައުންޖަށް ގެންދިޔަ އެވެ.

ފްލައިޓުން ފޭބި ވަގުތުގައި ޕްރިންސް ވިލިއަމް ހުންނެވީ ތޮތްޕެއް ތުރުކުރައްވައިގެންނެވެ. އަދި އިސްޖައްސަވައިގެން ކާރަށް އަރައިވަޑައިގެންނެވި އެވެ. ނަމަވެސް ކޭޓް މޫނު ފޮރުއްވުމަށް މާބޮޑުކަމެއް ނުކުރައްވައި ފާޅުކަންބޮޑު ގޮތެއްގައި ކާރަށް އަރައި ވަޑައިގެންނެވި އެވެ.

ޕްރިންސް ވިލިއަމްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފައި ވަނީ ކުރު ޗުއްޓީ އަކަށެވެ. ނަމަވެސް އެ ދެކަނބަލުން ރާއްޖެ ވަޑައިގެން ތިއްބަވާ ތަނަކާއި ދަރިކަލުން ޕްރިންސް ޖޯޖު (ޖޯޖު އެލެކްޒެންޑާ ލުއިސް) ރާއްޖެ ގެންނެވި ކަމެއް އަދި އެނގިފައެއް ނުވެ އެވެ.

ޕްރިންސް ވިލިއަމް އާއި ކޭޓް ކައިވެންޏަށް ފަހު އެ ދެ ކަނބަލުން ރާއްޖޭގައި ޗުއްޓީ ހޭދަކުރެއްވުމަށް ރާއްޖެ ވަޑައިގަތުމުގެ ދައުވަތު ދިވެހި ސަރުކާރުން ވަނީ 2011 ވަނަ އަހަރު އެ ދެ ބޭފުޅުންނަށް އަރުވާފަ އެވެ.

ޕްރިންސް ވިލިއަމްގެ ދެ ކަނބަލުން ރާއްޖެ ވަޑައިގެންނެވި އިރު، އެ ގައުމުގެ ކުރީގެ ބޮޑު ވަޒީރު ޓޯނީ ބްލެއާ ވެސް ވަނީ 2012 ވަނަ އަހަރު ރާއްޖެއަށް ވަޑައިގެން ޗުއްޓީ ހޭދަ ކުރައްވާފަ އެވެ. އަދި ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި އިނގިރޭސި ރާނީ ، އަދި ޕްރިންސް ވިލިއަމްގެ މާމާފުޅު ކުއީން އެލިޒަބަތު ދެ ވަނަ ވަނީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ އަށް ވަޑައިގެންފަ އެވެ.