06 Mar 2014, 15:16
މަޖިލިސް އިންތިހާބުގައި މެދު ހެންވޭރު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުއްވާ ޕީޕީއެމްގެ ޒުވާންގެ ގޮފީގެ ކުރީގެ ރައީސް އިބްރާހިމް ނާޒިމް އެ ދާއިރާ އަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ އައިޝަތު ލީޒާ އަށް ތާއީދުކުރުމަށް ނިންމަވައިފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނާޒިމް ވިދާޅުވީ އޭނާ އަށް ތާއީދުކުރައްވާ ހުރިހާ ފަރާތްތަކަކުން ލީޒާ އަށް ވޯޓް ދިނުމަށް އެދޭ ކަމަށެވެ.
"ވޯޓު ދޭންވީ އަޅުގަނޑުގެ ކެންޑިޑޭޓް ނަމްބަރު ފަހަކަށް ނޫން، ވޯޓް ދޭން ވީ ކެންޑިޑޭޓް ނަމްބަރު ދޭކަށް. އެއީ ލީޒާ،" ނާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެގޮތަށް ނިންމެވީ، ޕީޕީއެމްގެ ވޯޓުތައް ބައިބައިވެ އެމްޑީޕީ އިން އެ ދާއިރާގެ ގޮނޑި ކާމިޔާބު ކޮށްފާނެތީ ކަމަށެވެ.
އެބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ލީޒާ ވިދާޅުވީ ނާޒިމް އޭނާއާ ގުޅުމުން މެދު ހެންވޭރު ދާއިރާގެ ގޮނޑި ޔަގީން ވެފައިވާ ކަމަށެވެ.
"އަޅުގަނޑުގެ ވާދަވެރިޔަކީ އިދިކޮޅު ކެންޑިޑޭޓެއް ނޫން، އަޅުގަނޑުގެ ވާދަވެރިޔަކީ ނާޒިމް، މިއަދު ނާޒިމް އެވަނީ އަޅުގަނޑަށް ތާއީދު ކުރަން ނިންމާފައި،" ލީޒާ ވިދާޅުވި އެވެ.
އެ ދާއިރާ އަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވަނީ އަލީ އާޒިމް އެވެ. އަދި އަމިއްލަ ގޮތުން އެދާއިރާ އަށް މަދަނީ އިއްތިހާދުގައި އިސްކޮށް ހަރަކާތްތެރިވާ އަހުމަދު ޝަމީމްގެ އިތުރުން އަބްދުއްގަފޫރު އަލީ އާއި އަބްދުﷲ ޒިހާނު ވާދަކުރައްވަ އެވެ.