ރާއްޖެ އަންނަ ޓޫރިސްޓުންނަށް ވިއްކާ އުފެއްދުމަކީ ރާއްޖޭގެ ތިމާވެށި ކަމަށާއި އެގޮތުން ތިމާވެށި ރައްކާތެރި ކުރުމަކީ ޓޫރިޒަމް އިންޑަސްޓްރީ ކުރިއަރުވާ ދެމެހެއްޓުމަށް އެންމެ މުހިންމު ކަންތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


ރައީސް މިހެން ވިދާޅުވީ ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ބައިނަލްއަޤްވާމީ ކުންފުންޏެއް ކަމުގައިވާ ޕްލޭންހޮޓެލް ރިޒޯޓްސް އެންޑް ހޮޓެލްސް ރާއްޖޭގައި ޙަރަކާތްތެރިވާތާ 20 އަހަރު ފުރުމާއި އެ ކުންފުނިން ރާއްޖޭގައި ހިންގާ ޑައިމަންޑް އަތުރުގާ ބީޗް އެންޑް ވޯޓަރ ވިލާޒްގައި އަލަށް ޢިމާރާތްކުރި 25 ވޯޓަރ ވިލާ ރަސްމީކޮށް އިފްތިތާޙް ކުރެއްވުމަށް، އިއްޔެ އެ ރިޒޯޓްގައި ބޭއްވެވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.


ރައީސް ވިދާޅުވީ ރާއްޖޭގެ ތިމާވެށި ޙިމާޔަތް ކުރެއްވުމަށާއި، ދެމެހެއްޓެނިވި ތަރައްޤީ ހާސިލް ކުރެއްވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު، ދުނިޔެއަށް ހާމަކުރެވޭފަދަ ގޮތަށް ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އިޝްތިހާރު ކުރުމަށް ކުރާ މަސައްކަތް ކުރިއަށް ގެންދަންޖެހޭ ކަމަށެވެ.


މީގެއިތުރުން، ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީގައި އިންވެސްޓް ކުރައްވާ އިންވެސްޓަރުންނަކީ، ރާއްޖޭގެ ތަރައްޤީގެ ބައިވެރިން ކަމަށް ރާއްޖެއިން ދެކޭ ކަމަށާއި، މި ރާއްޖޭގެ ތަރައްޤީގައި، ބައިނަލްއަޤްވާމީ އެހީދޭ ޖަމާޢަތްތަކާ އެއްފަދައިން، މި ރާއްޖޭގައި އިންވެސްޓް ކުރައްވާ އިންވެސްޓަރުން ވަރަށް މުހިންމު ދައުރެއް އަދާކުރައްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.


އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް، ރައީސުލްޖުމްހޫރިއްޔާ އަތުރުގާ ބީޗް އެންޑް ވޯޓަރ ވިލާޒަށް ވަޑައިގެންނެވީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. އދ. ގައި އޮންނަ މިރިޒޯޓަކީ، 46 ބީޗް ވިލާއާއި، 25 ވޯޓަރ ވިލާއާއި އަދި 5 ގާރޑްން ވިލާ އެކުލެވިފައިވާ ރިޒޯޓެކެވެ.