06 Mar 2014, 14:17
"ރަޝިޔާ ޓްޑޭ" (އާރްޓީ) އަކީ ރަޝިޔާ ސަރުކާރުން ހަރަދުކުރާ ނެޓްވޯކެކެވެ. އެމެރިކާގައި ވެސް އެ ނެޓްވޯކްގެ މަރުކަޒެއް ހުރެ އެވެ. ލިޒް ވޯލް އަކީ އެ މަރުކަޒުގައި ނިއުސް އެންކަރެއްގެ ގޮތުގައި މަސައްކަތް ކުރާ އަންހެނެކެވެ.
ޔުކްރޭނަށް ރަޝިޔާ ސިފައިން ފޮނުވި މައްސަލައިގައި އޭނާ ވަނީ އާދަޔާ ހިލާފު ގޮތަކަށް ނުރުހުން ފާޅުކޮށްފަ އެވެ. އޭނާ ކުރި ކަމަކީ ހަބަރު ކިޔަން އިނދެފައި، އޮން އެއާގައި ވަޒީފާ އިން އިސްތިއުފާ ދިނުމެވެ.
އިސްތިއުފާ ދެމުން ވޯލް ބުނީ ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިންގެ އަމަލުފުޅުތައް ފޮރުވަން މަސައްކަތް ކުރާ ނެޓްވޯކެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށެވެ.
"ރަޝިޔާ ސަރުކާރުން ހަރަދުކޮށްގެން، ޕުޓިންގެ އަމަލުތައް ފޮރުވަން މަސައްކަތް ކުރާ، ނެޓްވޯކެއްގެ ބައިވެރިއެއްގެ ގޮތުގައި އަހަރެންނަށް މަސައްކަތެއް ނުކުރެވޭނެ. އެމެރިކާ މީހަކަށް ވީތީ އަހަރެން ފަހުރުވެރިވޭ، އަހަރެން ގަބޫލުކުރާ ކަމަކީ ތެދު ހަބަރު ފެތުރުން. އެހެންވެ، މިހަބަރު ކިއުމަށް ފަހު އަހަރެން މި އިސްތިއުފާ ދެނީ،" އާރްޓީވީގެ ލައިވް އޮން އެއާގައި އޭނާ ބުންޏެވެ.
ލިޒް ވޯލްގެ އެއަމަލާ ބެހޭ ގޮތުން އާރްޓީން ބުނެފައި ވަނީ އެއީ އޭނާ މަޝްހޫރުކަން ހޯދަން ކުރި ކަމެއް ކަމަށެވެ.
"ނޫސްވެރިއަކު އޭނާ މަސައްކަތް ކުރާ އޯގަނައިޒޭޝަންގެ އެޑިޓޯރިއަލް ސްޓޭންޑާ މެދު ހިތްހަމަނުޖެހިއްޖެ ނަމަ ، އާއްމުކޮށް އެކަން ހިނގާ ގޮތަކީ އޭނާގެ ހިތްހަމަނުޖެހުންތައް އެޑިޓަރަށް ހުށަހެޅުން. އަދި އެކަން ހައްލު ނުވެއްޖެ ނަމަ ޕްރޮފެޝަނަލްކޮށް، އިސްތިއުފާ ދިނުން. އެކަމަކު އޭނާގެ ޒާތީ ނިންމުމެއް ޕަބްލިކް ޝޯއެއްގައި ހާމަ ކުރުމަކީ އަމިއްލަ ނަފުސު ޕްރޮމޯޓް ކުރުމުގެ ސްޓަންޓެއް ފިޔަވާ އެހެން ކަމެއް ނޫން،" ލިޒްވޯލްގެ އަމަލާ މެދު އާރްޓީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.