ސެމްސަންގް އިން މިދިޔަ ޖެނުއަރީ މަހު އިއުލާނުކޮށްފައިވާ ގެލެކްސީ ޓެބް ޕްރޯ 12.2 ޓެބްލެޓް މާޗް 9 ވާ އާދިއްތަ ދުވަހު ބާޒާރުގައި ވިއްކަން ފަށާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ސްކްރީން ގައި 12 އިންޗި ހުންނަ ގެލެކްސީ ޓެބް ޕްރޯ އަކީ ސެމްސަންގް އިން މިހާތަނަށް ތައާރަފް ކުރި އެންމެ ބޮޑު އެއް ޓެބްލެޓެވެ. 32 ޖީބީ ގެ އިންޓާނަލް ސްޓޯރޭޖް އާއި އެކު މި ޓެބްލެޓްގެ އަގަކީ 650 ޑޮލަރު (10023 ރުފިޔާ) އެވެ.

ގެލެކްސީ ޓެބް ޕްރޯގައި 2560X1600 ރެޒޮލޫޝަން ގެ ސްކްރީން އެއް ހުންނަ އިރު މި ޓެބްލެޓްގެ ފަހަތް ހަދާފައި ވަނީ ސެމްސަންގް ގެ ނޯޓް 3 މޮބައިލް ފޯނުގައި ހުންނަ ލެދަރ ޓެކްސްޗާ އާއި ދާދި އެއްގޮތަށެވެ. މި ޓެބްލެޓްގައި 3 ޖީބީގެ ރެމް އާއި ގިނައިރު ހިފަހައްޓާ ބެޓަރީއެއްވެސް ވަނީ ހިމަނާފައެވެ. އަދި ފަހަތުގައި 8 މެގަ ޕިކްސެލްގެ ކެމެރާ އެއް ހުންނަ އިރު މި ޓެބްލެޓް ނުކުންނާނީ އެންޑްރޮއިޑްގެ އެންމެ ފަހުގެ ސޮފްޓްވެއާ، އެންޑްރޮއިޑް 4.4 ކިޓްކެޓްއާއި (ޓަޗްވިޒް އިންޓަފޭސް އާއިވެސް) އެކުގައެވެ.

ގެލެކްސީ ޓެބް ޕްރޯ ގަންނަ ފަރާތްތަކަށް 50 ޖީބީގެ ޑްރޮޕް ބޮކްސް ސްޕޭސް އާއި 25 ޑޮލަރުގެ ގޫގުލް ޕްލޭ ސްޓޯ ކްރެޑިޓް ގެ އިތުރުން އެހެނިހެން ހިލޭ ތަކެތިވެސް ލިބޭނެ ކަމަށް ސެމްސަންގް އިން ވަނީ ބުނެފައެވެ.

ވިޔަފާރިވެރިންނަށް އަމާޒު ކޮށްގެން ސެމްސަންގް އިން ތައާރަފް ކުރި ގެލެކްސީ ޓެބް ޕްރޯ އާއި ގެލެކްސީ ނޯޓް ޕްރޯ ފުރަތަމަ ދައްކާލާފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ ކުރީކޮޅު އެމެރިކާގެ ލަސް ވޭގަސް ގައި ބޭއްވި ކޮންޒިއުމާ އިލެކްޓްރޯނިކްސް ޝޯ ގައެވެ.

އާދިއްތަ ދުވަހުން ފެށިގެންގިނަ ފިހާރަތަކެއްގަޔާއި ސެމްސަންގް ގެ ވެބްސައިޓް ގައިގެލެކްސީ ޓެބް ޕްރޯ 12.2 ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.