06 Mar 2014, 13:23
އައްޑޫ ސިޓީގެ ހިތަދޫގައި ރޭ ހިނގި އެކްސިޑެންޓްގައި ޒަހަމްވި އަންހެން މީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ހަތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.
މަސްތުވެގެން އިނދެ މީހަކު ރޭ ދުއްވި ޖިޕެއް ކާރަކާއި ސައިކަލެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒަހަމްވެފައި ވަނީ ހިތަދޫ ސަބްދެލިބޭ، ހައްވާ އަހުމަދު،32، އެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެހުންނެވި ޝާހު ސައީދު މިއަދު ވިދާޅުވީ އެ އެކްސިޑެންޓަގައި އަނިޔާވި އަންހެން މީހާ އަށް އެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ އިރު އޭނާ މިހާރު އޮތީ ސްޓޭބަލްކޮށް ކަމަށެވެ. އަދި އެކްސިޑެންޓްގައި އަންހެން މީހާގެ ކަނާތު ފައިގެ ފަލަމަސްގަނޑުން ބިނދިފައިވާތީ ހޮސްޕިޓަލުން ވަގުތީ ގޮތުން ދޭންޖެހޭ ފަރުވާދީފައިވާ ކަމަށެވެ.
އަންހެން މީހާ މާދަމާގެ ވަގުތެއްގައި މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭމާ ވިދާޅުވި އެވެ.
"އަންހެން މީހާގެ ފައިގެ ފަލަމަސްގަނޑުގެ ކަށިގަނޑު ވަނީ ބިންދައިގެން ގޮސްފައި، އަދި މާލެ އަށް ގެންދެވެން ދެން މިތަނުން ދޭންޖެހޭ ފަރުވާދީ މިހާރު އޮތީ ސްޓޭބަލް ސިޓުއޭޝަންގައި، ހޮސްޕިޓަލުން އޭނާ މޮނިޓާ ކުރަމުން ދަނީ،" ޝާހު ވިދާޅުވި އެވެ.
އޭނާގެ ބޮލުގެ ނާށިގަނޑަށް ވެސް ހާނިއްކަވެފައިވާ އިރު މޫނު މައްޗަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ވެސް ޝާހު ވިދާޅުވި އެވެ. އަދި ބޮލަށް ލިބިފައިވާ ގެއްލުން އެނގޭނީ މާލެ ގެންގޮސް ސީޓީ ސްކޭނެއް ހެދީމާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި އެކްސިޑެންޓް ހިނގީ ގަމުން ކޯއްޓޭއާވީ ކޮޅަށް ނުގަވާއިދު ފަޅިން ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ޖިޕެއް ކޮންޓްރޯލުން ނައްޓައިގެން ގޮސް ގަވާއިދު ފަޅިން ދުއްވާފައި ދިޔަ ކާރެއްގެ މައްޗަށް ޖެހި އެވެ. އެ ވަގުތު އެކާރާއި ޖިޕް ކަހާލައިގެން ގޮސް އެމަގުން ސައިކަލެއްގައި ދުއްވާފައި ދިޔަ އަންހެން މީހާ ވަނީ ޖިޕްގެ ދަށުވެފަ އެވެ.