ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންއާއި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާ ދެމެދު މެމޯރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ)އެއްގައި ސޮއިކޮށްފި އެވެ.

ޕެންޝަން އޮފީހުން ބުނީ، އިމިގްރޭޝަނާ އެކު ސޮއިކުރެވުނު އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ، އެ ދެ މުއައްސަސާގެ ދެމެދުގައި މައުލޫމާތު ހިއްސާކުރުމުގައި އެއްބާރުލުން ދިނުމާއި ދެ ފަރާތް ގުޅިގެން މަސައްކަތްކުރާނެ ގޮތްތަކާއި ދާއިރާތައް ކަނޑައަޅައި، ފަސޭހައިން ހިދުމަތް ފޯރުކޮށްދިނުމުގެ އިންތިޒާމްތައް ހަމަޖެއްސުން ކަމަށެވެ.

އިމިގްރޭޝަންއާ އެކު ސޮއިކުރެވުނު އެމްއޯޔޫގެ ސަބަބުން އެ ދެ މުއައްސަސާއަށް ވެސް މައުލޫމާތު ހިއްސާކުރުމުގައި ބޮޑެތި، ފަސޭހަތަކެއް ލިބިގެންދާނޭ ކަމަށް ވެސް ޕެންޝަން އޮފީހުން ބުންޏެވެ.

މިއަދު ސޮއިކުރި އެ އެމްއޯޔޫގައި އިމިގްރޭޝަންގެ ފަރާތުން ސޮއިކުރެއްވީ، ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން ޙަސަން އަލީ އެވެ. އަދި ޕެންޝަން އޮފީހުގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ، ޗީފް އެގްޒެކެޓިވް އޮފިސަރު މުހައްމަދު ހުސައިން މަނިކު އެވެ.