06 Mar 2014, 13:02
މ. ނާލާފުއްޓަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމަށްޓަކައި އެ ރަށުގައި ބަނދަރެއް ހެދުމުގެ މަސައްކަތް ސަރުކާރު ހިއްސާވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފި އެވެ.
ދައުލަތުގެ ބަޖެޓުން 18.6 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަޅާ އެ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކުރުމަށް ހައުސިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި، އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު މުއިޒް އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަހްމަދު ޝިހާމް އެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތަށް ފަހު މީޑިއާ އަށް މައުލޫމާތު ދެއްވަމުން މުއިޒް ވިދާޅުވީ، ލަފާފުރުމުގައި ދަތިކަން އެންމެ ބޮޑަށް ހުރި ރަށްތަކުގެ ބަނދަރުތައް ހެދުމަށް މި ސަރުކާރުން އިސްކަމެއްދެއްވާނެ ކަމަށެވެ.
މުއިޒް ވިދާޅުވީ ނާލާފުށީގައި އަޅަން ހަވާލުކުރެވުނު އެ ބަނދަރުގެ އީއައިއޭގެ މަސައްކަތްވެސް ފެއްޓި، އަންނަ ހަފްތާގެ ތެރޭގައި އީއައިއޭ ފާސްވެގެންދާނެ ކަމަށާއި އެގޮތުން އެ ބަނދަރުގެ އަމަލީ މަސައްކަތް އަންނަ ހަފްތާ ނިމުމުގެ ކުރިން ފެށިގެންދާނެ ކަމަށެވެ.
ދިގު މިނުގައި 300 ފޫޓް އަދި ފުޅާ މިނުގައި 200 ފޫޓުގެ އެ ބަނދަރުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކުރީ ހަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި ހަވާލުކުރާ ގޮތަށެވެ.
އެއްބަސްވެފައިވާ މުއްދަތުގެ ތެރޭގައި ނާލާފުށީގެ ބަނދަރުގެ މަސައްކަތް ނިންމާލެވިދާނެތޯ ސުވާލުކުރުމުން ޝިހާމް ވިދާޅުވީ، އެ ކުންފުންޏަށް ކުރިން ދިމާވެފައިވާ ބަނދަރު ހެދުމަށް ބޭނުންވާ ސާމާނު ލިބުމުގެ ދަތިކަން ހައްލުވެފައިވުމުން އެ މުއްދަތުގެ ކުރިން ވެސް މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 36 ބަނދަރެއްގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށާއި އެގޮތުން މިހާރު 17 ޕްރޮޖެކްޓްގެ ހާބަރުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި މިއަހަރު ތެރޭގައި އޭގެ ތެރެއިން 15 ޕްރޮޖެކްޓެއް ނިންމައިލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.