"ހޮޓެލް އެންޑް ރިސޯޓް ކޮންސުޓަކްޝަން ޕްރައިވެޓް ލިމިޓެޑް ކޮމްޕެނީ" އިން ގއ. ދިގުރަށުގައި ހަދާ ރިސޯޓްގެ އިންޝުއުރެންސް އެލައިޑް އިންޝުއުރެންސް މޯލްޑިވްސްއާ ހަވާލުކޮށްފި އެވެ.

އެލައިޑް އިންޝުރެންސް ކުންފުންޏާއި ހޮޓެލް އެންޑް ރިސޯޓް ކޮންސްޓަރްޝަންސް އާ ދެމެދު މިއަދު ވަނީ އިންޝައުރެންސް ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

އެލައިޑް އިންޝުއުރަންސްގެ މޭނޭޖިން ޑިރެކްޓަރު އަހްމަދު އަމީލް ވިދާޅުވީ ހޮޓެލް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން އިން ހަދާ އެންމެ އަގުބޮޑު ރިސޯޓްގެ އިންޝުއުރެންސް އެލައިޑާ ހަވާލު ކުރުމުން އެއިން އެނގިގެން ދަނީ ދިވެހި ކުންފުނިތަކަށް ހޮޓެލް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން ކުންފުނިންދޭ އަހައްމިޔަތު ކަމަށެވެ. އަދި މިފަދަ އަގުބޮޑު މުދާތަކެއް އިންޝުއާ ކުރުމަށް އެލައިޑާ ހަވާލު ކުރުމުން އެހެން ކުންފުނިތަކަށް ވެސް ބޮޑު އިތުބާރެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހޮޓެލް އެންޑް ރިސޯޓް ކޮންސުޓަކްޝަން ޕްރައިވެޓް ލިމިޓެޑް ކޮމްޕެނީގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު މިއަދު ވިދާޅުވީ "ކޮންޓްރެކްޓާސް އޯލް ރިސްކް" ނަމުގައި ކުރި އިންޝުއުރަންސް އެލައިޑް ކުންފުންޏާ ހަވާލުކުރި އެންމެ ބޮޑު ސަބަބަކީ ދިވެހި ކުންފުންޏަކަށް ވުން ކަމަށެވެ.

"އަޅުގަނޑުގެ ސިކުނޑީގައި އަބަދުވެސް އިނދޭ ދިވެހި ކުންފުންޏަށް ދިނުމަށް، ހާއްސަކޮށް އެލައިޑް އިންޝުއުރަންސް 100 ޕަސެންޓް ރާއްޖެ ހިއްސާވާ ކުންފުންޏަކަށް ވާތީ އެ ކުންފުންޏަށޭ އެ މަސައްކަތް ދޭން ޖެހޭނީ. މައިގަނޑު ސަބަބަކީ އެލައިޑް އިންޝިއުރެންސަކީ ދިވެހި ކުންފުންޏަކަށްވުން." ޖަނާ ވިދާޅުވި އެވެ.

ޖަނާ ވިދާޅުވީ އެ ކުންފުނިން މިހާރު ވެސް 170 މިލިއަން ޑޮލަރުގެ މުދާ އިންޝުއާކޮށްފައިވާ ކަމަށެވެ.

ކޮންޓްރެކްޓާސް އޯލް ރިސްކް (ސީއާރު)ގެ ދަށުން އިންޝުއުރަންސް ބަޔަކާ ހަވާލުކުރުމަކީ ކޮންސުޓަރުކްޝަން މަސައްކަތްކުރާ ފަރާތްތަކުން ކުރުން މުހިންމު ކަމެއް ކަމަށާއި ނަމަވެސް ރާއްޖޭގައި އެކަން ކުރާ ފަރާތްތައް މަދު ކަމަށެވެ. ޖަނާ ވިދާޅުވީ އިންޝުއުރެންސް ދަށުން މުދާ ރާއްޖެ އެތެރެކޮށް މަސައްކަތްކުރާ ސައިޓަކަށް ގެންދެވެންދެން އެ ކުންފުނިން ކަވަރު ކުރާނެ ކަމަށާއި އަދި ދިމާވާ ހާދިސާ ތަކުގައި މުވައްޒަރުނަށް ދިމާވާ ގެއްލުންތައް ވެސް އިންޝުއުރަންސް ކުންފުނިން ކަވަރު ކުރާނެ ކަމަށެވެ.